މާލޭގައި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި ދެ މީހުން ބަންދުކުރަން ދައުލަތުން އެދުމަށްފަހު އެ ހުށަހެޅުން އަނބުރާ ގެންދިއުމުން އެ މީހުން ބަންދު ނުކުރަން ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
މާފަންނު ފިހާރައެއްގެ ތެރޭގައި ފެބްރުއަރީ، 2023 ގައި ސ. ހިތަދޫ އިރުމީޒު މުހައްމަދު އަހުމަދު ދީދީއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. މަރަދޫ ފޭދޫ ރަށްދެބައިގޭ އިބްރާހިމް ފައިހު ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ.
އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އޭޕްރީލް މަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމަށްފަހު އިސްތިއުނާފް ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދުކުރަން އެދުނެވެ.
ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައިވާ ގޮތުން އެ ދެ މީހުން ބަންދުކުރަން އެދުނު އެދުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފައިވާތީ އެ މީހުން ބަންދުކުރެވެން ނެތް ކަމަށެވެ. އަދި އެ މީހުން ދޫވެފައި ތިބޭއިރު, ޝަރުތުތަކެއް ކުރުމަށް އެދިފައިވީ ނަމަވެސް ބަންދުގައި ނެތް ބައެއްގެ މައްޗަށް ޝަރުތެއް ނުކުރެވޭނެ ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވި އެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އިސްމާއިލް ޝަފީއު އާއި ފަނޑިޔާރު އިބްރާހިމް މާހިރު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. އަދި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ
އާ އިސްލާހާއެކު މަހަކު 10 މިލިއަން ރުފިޔާ ގެއްލޭނެ: އާޒިމް
މަގު ހުރަސްކުރި މީހާގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓެއް