މި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑުގައި ތިބެވޭނީ 30 ދުވަހުގެ މުއްދަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ތައިލެންޑް ސަރުކާރުން އެ ގައުމުގެ ވިސާ އުސޫލަށް ގެނައި ބަދަލުތައް މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ވަނީ ރަސްމީކޮށް ގެޒެޓްކޮށްފަ އެވެ. އެހެންކަމުން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ބަދަލުތަކަށް އަމަލުކުރަން ފަށާއިރު، ފަތުރުވެރިންގެ ގޮތުގައި ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމުގައި 30 ދުވަސް ހޭދަކުރެވޭނެ އެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލެންޑްގެ ކެބިނެޓުން ވަނީ އެ ގައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. އެ ނިންމުމުގެ ދަށުން ދުނިޔޭގެ 93 ގައުމަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 60 ދުވަހަށް ކުޑަކުރަން ނިންމި އެވެ. އެ ބަދަލާއެކު ރާއްޖެ ހިމެނުނީ، ވިސާއާ ނުލައި އެންމެ 15 ދުވަހު މަޑުކުރެވޭ ގައުމުތަކުގެ ލިސްޓުގަ އެވެ.
އެކަމާ ގުޅިގެން، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޖޫން މަހުގެ 29 ވަނަ ދުވަހު ވަނީ ތައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި، ދިވެހިންނަށް ލިބޭ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މި މަޝްވަރާތަކަށްފަހު، ޖުލައި 14 ގައި ތައިލެންޑުން އެކުލަވައިލި އާ ވިސާ ޕޮލިސީގައި، ވިސާއާ ނުލައި ދިވެހިންނަށް އެ ގައުމުގައި ތިބެވޭ މުއްދަތު ވަނީ 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފަ އެވެ.
ތައިލެންޑަކީ ޗުއްޓީ ހޭދަކުރުމަށާއި، ވިޔަފާރި އަދި ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ދަތުރުކުރަމުން އަންނަ ގައުމެކެވެ.
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އަށް ހޮލީވުޑް ރެކޯޑެއް!
ހުން އަންނަ ކޮންމެ ފަހަރަކު އެންޓި ބައޮޓިކްސް ބޭނުން ނުކުރާތި!
ތައިލެންޑުން ދޭ އޮން އެރައިވަލް ވިސާ 30 ދުވަހަށް އިތުރުކޮށްފި
ދިވެހިންނަށް ތައިލެންޑަށް ދަތުރު ކުރެވޭ މުއްދަތު ކުޑަކުރަނީ
ތައިލެންޑަށް ދާ މީހުން މިއަދުން ފެށިގެން ޓީޑީއޭސީ ފުރަންޖެހޭ