ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގައިވާ މައުލޫމާތު އިސްލާހުކުރުމަށް ދޭ 21 ދުވަހުގެ މުއްދަތު ގުނަން ފަށާނީ، އެކަން އެ ފަރާތަކަށް އަންގާ ދުވަހުން ފެށިގެން ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

އެ ވުޒާރާއިން ބުނީ، ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ބައެއް އެޕްލިކޭޝަންތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ސައްހަ މައުލޫމާތު ހުށަހެޅުމަށް 21 ދުވަހުގެ ފުރުސަތެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުއްދަތުގެ ތެރޭގައި ފޯމު އިސްލާހުކޮށް ޖަވާބުދާރީ ނުވެއްޖެނަމަ އެ ފޯމެއް ބާތިލުވާނެ ކަމަށް ވެސް އެ ވުޒާރާގެ އޮފިޝަލަކު ވިދާޅުވި އެވެ. އެހެންކަމުން ދެވިފައިވާ މުއްދަތުގައި ޖަވާބުދާރީވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ބޯހިޔާވަހިކަމަށް އެދި ޖުމްލަ 58،505 ފޯމު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ. ކަމާބެހޭ އިދާރާތަކާއި ކައުންސިލްތަކުން ލިބިފައިވާ މައުލޫމާތުތަކާ އަޅާކިޔައި، ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.

މި ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް 1،500 ފްލެޓް އަދި ހާއްސަ އެކި ކެޓަގަރީތަކަށް 2،400 ފްލެޓް ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ކުރިން މި ފްލެޓުތައް ނިންމައި ރައްޔިތުންނާ ހަވާލުކުރުމެވެ.

މީގެއިތުރުން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، އޭގެ ފުރަތަމަ ފިޔަވަހީގައި 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.