ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް ރާއްޖެ ޓްރާންސިޓް މަގެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ ބޭރުގެ މީޑިއާއަކުން ފެތުރި ރިޕޯޓާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.
އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ 'ދަ ވޯލް ސްޓްރީޓް ޖާނަލް' އިން ޝާއިއުކުރި ތަހުގީގީ ރިޕޯޓެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ބައިނަލްއަގުވާމީ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއަށް އެތެރެކުރުން މަނާކޮށްފައިވާ ބާވަތްތައް އެ ގައުމަށް ފޮނުވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. މިއީ 2023 ވަނަ އަހަރު ވެސް ބޭރުގެ ބައެއް މީޑިއާތަކުން ފާހަގަކޮށްފައިވާ މައްސަލައެކެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އެމެރިކާ، ޔޫރަޕް އަދި ޗައިނާ ފަދަ ގައުމުތަކުން ގެންނަ މުދާ، ރާއްޖޭގެ ކަސްޓަމްސް ސަރަހައްދަށް ވެއްދުމުގެ ބަދަލުގައި އެއާޕޯޓުގެ ޓްރާންސިޓް އޭރިއާގައި ބަހައްޓައިގެން، ލިޔެކިޔުންތައް ބަދަލުކުރުމަށްފަހު ރަޝިޔާގެ އެއަރޯފްލޯޓް މަތިންދާބޯޓުތަކުގައި ސީދާ މޮސްކޯއަށް ފޮނުވަ އެވެ. އަދި މިގޮތަށް މުދާ ފޮނުވާއިރު އަސްލު އުފެއްދި ފަރާތުގެ މައުލޫމާތު އޮޅުވާލާ ކަމަށާއި، މިފަދަ މުދާތައް ކަސްޓަމްސް އިން އެކަށީގެންވާ ވަރަށް ފިޒިކަލީ ބަލައިފާސްނުކުރާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން، ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެ ރިޕޯޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކުން ބަލަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއިން ގަވާއިދާ ހިލާފު ކަމެއް ހިނގާނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ޓެކްނޮލޮޖީގެ ބައެއް އާލާތްތަކަކީ އަސްކަރީ ބޭނުމަށް ގެންދާ ތަކެތިކަން ދެނެގަތުމުގެ ގާބިލުކަން ރާއްޖޭގައި ހުރި މިންވަރާމެދު އޭނާ ސުވާލު އުފެއްދެވި އެވެ. މީގެ އިތުރުން، މި މައްސަލައިގައި އީޔޫ އާއި އެމެރިކާއިން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވައި، ރާއްޖެއަކީ ބައިނަލްއަގުވާމީ ސެކިއުރިޓީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާ ގައުމެއް ކަމަށް މުންދު ވިދާޅުވި އެވެ.
މިގޮތަށް އެކްސްޕޯޓްކުރާ ތަކެތީގެ ތެރޭގައި މިސައިލް ގައިޑެންސް ސިސްޓަމްތަކަށް ބޭނުންވާ މައިކްރޯޗިޕްސް، ޓްރެކިން ސެޓެލައިޓް ހާޑުވެއާ، އަދި ޖެޓު ފައިޓަރާއި ދުރު ރާސްތާ މިސައިލަށް ބޭނުންވާ ދަގަނޑު ބޯލްޓު ހިމެނޭ ކަމަށް އެ ނޫހުން ރިޕޯޓްކުރި އެވެ.
ދިވެހި ކަސްޓަމްސްގެ ރަސްމީ ހިސާބުތަކުން 2022 އާއި 2025 އާ ދެމެދު ރަޝިޔާއަށް އެކްސްޕޯޓް ކުރީ އެންމެ 2,525 ޑޮލަރުގެ މުދާ ކަމަށް ދެއްކި ނަމަވެސް، "އިމްޕޯޓް ޖީނިއަސް"ގެ ހޯދުންތަކުން 2022 ގައި އެކަނިވެސް 630 މިލިއަން ޑޮލަރުގެ މުދާ ފޮނުވާފައިވާކަން އެނގެ އެވެ.
ހަމައެއާއެކު މި ކަމުގައި ލިޔެކިޔުން އޮޅުވާލުމުގައި ދިވެހި ދެ ކުންފުންޏެއް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި "ފްރެއިޓް ކެއާ" އިސްކޮށް ޝާމިލުވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި މުވައްޒަފުން މަދުވުމުގެ ސަބަބުން ރާއްޖެއިން ރިއެކްސްޕޯޓްކުރާ މުދާ ބަލައި ފާސްނުކޮށް، ހަމައެކަނި ލިޔެކިޔުންތައް ޗެކްކުރާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ލުއި ލޯނާއި ކްރެޑިޓް ކާޑު ދަރަނި 9.2 ބިލިއަން ރުފިޔާއަށް އަރައިފި
ހައިކޯޓުގެ ފަނޑިޔާރު މާހިރު ރިޓަޔާ ކުރައްވައިފި
އަމިއްލައަށް އެދިގެން 107 މުވައްޒަފުން ވަކިވެއްޖެ: ފެނަކަ
ސެންކްޝަން ތަކެތި ރާއްޖެއިން އެކްސްޕޯޓު ކުރުން ހުއްޓަން އެދެފި