ރައީސް މުހައްމަދު މުއިއްޒު މިއަދު ބާއްވަން ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމަށް ރާއްޖޭގެ ބައެއް މީޑިއާތަކަށް ނުވަދެވޭ ގޮތަށް ބާކީކުރި މައްސަލަ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އާންމުކޮށް އަންގާ އުސޫލާ ހިލާފަށް، ވަކި މީޑިއާތަކަކަށް އެކަނި ދައުވަތު ދީގެން މިއަދު މެންދުރުފަހު 13:00 ގައި ރައީސް މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖައްސާފަ އެވެ.
ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތައް އާންމުކޮށް އަންގަނީ ރައީސް އޮފީހުގެ ރަސްމީ މީޑިއާ ވަޓްސްއެޕް ގްރޫޕް މެދުވެރިކޮށް ކަމަށްވީ ނަމަވެސް، މިއަދު އެ ގްރޫޕަށް މެސެޖު ނުފޮނުވައި ރައީސް އޮފީހުން ވަނީ ވަކިވަކި މީޑިއާތަކަށް މެސެޖުން ދައުވަތު ފޮނުވާފަ އެވެ.
ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް އޮފީހުގައި މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ބައެއް މީޑިއާތަކަށް ނުދީ ހިފެހެއްޓުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
އެހެންކަމުން، ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނެހެން، ސަރުކާރުގެ ހުރިހާ ނޫސްވެރިންގެ ބައްދަލުވުންތަކެއްގައި ވެސް ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއެކު ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސް އޮފީހަށް އެމްޖޭއޭ އިން ވަނީ ގޮވާލާފަ އެވެ.
ވަކި މީޑިއާތަކަކަށް ދައުވަތުދީގެން ރައީސް ޕްރެސް ބާއްވަނީ