މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް، އަންނަ މަހުން ފެށިގެން އާސަންދައިގެ ފުރިހަމަ ކަވަރޭޖު ނުލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުޖުތަމައުގެ އެންމެ ތަނަވަސް ފަރާތްތަކާއި ނިކަމެތިންނާ ދެމެދު އެއްވެސް ފަރަގެއް ނެތި، އެއް އުސޫލަކުން އެންމެންނަށް ފުލް ކަވަރޭޖު ލިބޭ ގޮތަށް އާސަންދަ ހަމަޖެހިފައި އޮތުމަކީ އެންމެ އިންސާފުވެރި އަދި އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން، މަހަކު 60،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މީހުންނަށް އާސަންދައިގެ ހިދުމަތް ދެން ފޯރުކޮށްދޭނީ "ކޯ-ޕޭ" އުސޫލުން ނުވަތަ އަހަރީ ފީއެއް ސަރުކާރަށް ދައްކައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މި ގެންނަ އިސްލާހީ ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. އަދި މިގޮތަށް ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަރަދުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު އިތުރަށް ވިދާޅުވީ، 60،000 ރުފިޔާއަށް ވުރެ މަތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުރިހަމަ ކަވަރޭޖު ނުލިބޭ ގޮތަށް އަމަލުކުރާނެ ތަފްސީލީ އުސޫލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.