ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަގުބޮޑު ބިމެއް، ބާޒާރުގެ އަގަށްވުރެ 91 އިންސައްތައަށް ވުރެ ބޮޑު ޑިސްކައުންޓެއްގައި ޕީއެންސީގެ މެންބަރަކަށް ވިއްކުމަށް ހައުސިން މިނިސްޓްރީން ނިންމި މައްސަލައެއް ފެންމަތިވެ، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހައުސިން މިނިސްޓްރީގެ މެމޯއަކުން އެނގޭ ގޮތުގައި އެ މިނިސްޓްރީން ވިއްކުމަށް ހުއްދަ ދީފައިވަނީ ހުޅުމާލެ ފޭސް 2 ގެ ޕްލޮޓް ނަންބަރު 20659 އެވެ. މި ބިމުގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. މި ބިން އަހުމަދު ޒާހިރު ކިޔާ މީހަކަށް ވިއްކުމަށް ނިންމާފައިވަނީ އަކަފޫޓެއް އެންމެ 375 ރުފިޔާގެ ރޭޓުންނެވެ. އެހެންކަމުން، މި ބިމުގެ ޖުމްލަ އަގަކީ 468،750 (ހަތަރު ލައްކަ ފަސްދޮޅަސް އަށްހާސް ހަތްސަތޭކަ ފަންސާސް) ދިވެހި ރުފިޔާ އެވެ.

މީގެ އިތުރުން ފައިސާ ދެއްކުމުގައިވެސް ބޮޑެތި ލުއިތަކެއް ވަނީ ދީފަ އެވެ. އެގޮތުން އެޑްވާންސްގެ ގޮތުގައި 50،000 ރުފިޔާ ދެއްކުމަށްފަހު، ބާކީ ފައިސާ 5 އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފަ އެވެ.

މިހާރު ބިމުގެ އަގުތަކަށް ބަލާއިރު، ހުޅުމާލެއިން އަކަފޫޓެއްގެ އެންމެ ދަށް އަގުވެސް އުޅެނީ 4،500 ރުފިޔާއިން މަތީގަ އެވެ. އަދި ބީޗްފްރަންޓް ސަރަހައްދުތަކުން ބިމުގެ އަގު އަކަފޫޓަކަށް 10،000 ރުފިޔާއަށްވުރެ މައްޗަށް އަރަ އެވެ. މި ބޭސްލައިން ރޭޓަށް ބަލާއިރު، ޒާހިރަށް މި ބިން ދޫކޮށްފައިވަނީ އަސްލު އަގަށްވުރެ 91.67 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއްގަ އެވެ.

އާންމު ރައްޔިތުން ބޯހިޔާވަހިކަމަށް ސަލާންޖަހަމުންދާ ދަނޑިވަޅެއްގައި، ދައުލަތުގެ އަގުބޮޑު ބިމެއް މިގޮތަށް ނުއަގުގައި ވަކި ފަރާތަކަށް ދިނުމަކީ ހިންގާފައިވާ ބޮޑު ހިޔާނާތާއި ކޮރަޕްޝަންގެ އަމަލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.