އޮކްޓޯބަރު 7، 2023 ގައި ފަލަސްތީނުގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުން ދިން ވަރުގަދަ ހަމަލާގެ ދުވަސްކޮޅެއް ކުރިން، އެފަދަ ބޮޑު އޮޕަރޭޝަނެއް ހިންގަން އުޅޭކަމުގެ އިންޒާރު ޔޫއޭއީގެ ރައީސް ސީދާ ބެންޖަމިން ނަތަންޔާހޫއަށް ދެއްވި ކަމަށް އިޒްރޭލުގެ ނޫހަކުން ރިޕޯޓްކޮށްފި އެވެ.
ހާރެޓްޒް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާ ދިނުމުގެ 10 ދުވަސް ކުރިން ޔޫއޭއީގެ ރައީސް އައްޝައިހް މުހައްމަދު ބިން ޒައިދު ނަތަންޔާހޫއާ ވާހަކަދައްކަވައި، އޭރު ގާޒާގައި ހުންނެވި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ބޮޑު އޮޕަރޭޝަނެއް ރާވަމުންދާކަން ހާމަކުރެއްވި އެވެ.
މި ހަމަލާގެ ސަބަބުން ބޮޑެތި ލޭއޮހޮރުވުންތަކެއް ހިނގައި، ސަރަހައްދުގެ ހަމަޖެހުން ގެއްލި، އިޒްރޭލާއި އަރަބި ގައުމުތަކާ ދެމެދު ގާއިމުކޮށްފައިވާ "އަބްރަހަމް އެކޯޑްސް" އަށް ބުރޫއަރާފާނެ ކަމުގެ އިންޒާރު މުހައްމަދު ބިން ޒައިދު ދެއްވި ކަމަށް އެ ނޫހުގައިވެ އެވެ.
ނަމަވެސް، ނަތަންޔާހޫ އެކަމާ މެދު މާބޮޑު ފަރުވާލެއް ނުބަހައްޓައި ވަރަށް ހަމަޖެހިގެން ހުރި ކަމަށާއި، ކޮންމެ ފަދަ ހާލަތަކަށްވެސް އިޒްރޭލު އޮތީ ތައްޔާރަށް ކަމަށާއި، ހަމަލާއެއް އައުމުގެ ފުރުސަތު ބޮޑީ ހިފާފައިވާ ހުޅަނގު އައްސޭރިން ކަމަށް އޭނާ ބުނެފައިވާ ކަމަށް ހާރެޓްޒްއިން ބުނެ އެވެ.
އޮކްޓޯބަރު 7 ގެ ހަމަލާގައި ހަމާސްއިން ގާތްގަނޑަކަށް އިޒްރޭލުގެ 1,200 މީހުން މަރާލައި، 251 މީހުން ރަހީނުކުރި އެވެ. އޭގެ ފަހުން ގާޒާ، ލުބުނާން އަދި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަތަކުގައި އިޒްރޭލުގެ ސިފައިން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައި އެވެ.
މި ރިޕޯޓަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ނަތަންޔާހޫގެ އޮފީހުން ބުނެފައިވާ ކަމަށާއި، ބުނެވޭ މުއްދަތުގެ ތެރޭގައި ޔޫއޭއީގެ ރައީސާ ނަތަންޔާހޫ ވާހަކަދައްކަވާފައި ނުވާ ކަމަށާއި އެފަދަ އެއްވެސް އިންޒާރެއް ލިބިފައި ނުވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
އޮކްޓޯބަރު 7 ގެ ހަމަލާއާ ގުޅިގެން އިޒްރޭލުގެ ސަރުކާރުގެ ރަސްމީ ތަހުގީގެއް ހިންގުމަށް ގޮވާލާ ގޮވާލުންތަކަށް ނަތަންޔާހޫ ވަނީ ދެކޮޅު ހަދާފައި އެވެ.
އަންގާރަ ދުވަހު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި، ޔޫއޭއީން އިންޒާރު ދިން ކަމަށް ބުނާ ވާހަކަ ދޮގުކުރަމުން ބުނެފައިވަނީ، އެއްވެސް މުހިންމު މައުލޫމާތެއް އޮތް ނަމަ، އެ މައުލޫމާތެއް ދެ ގައުމުގެ ޖާސޫސީ އިދާރާތަކުގެ މެދުގައި ހިއްސާކުރެވޭނެ ކަމަށެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ސަރުކާރުގެ ލީޑަރުންގެ މެދުގައި ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކަށް ކޮމެންޓް ކުރަން ބޭނުންނުވާ ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭގައި ދެ ގައުމުގެ މެދުގައި ސީދާ މުއާސަލާތީ ގުޅުން އޮންނަ ކަމަށާއި، ބޭނުންވާ މުހިންމު ޖާސޫސީ މައުލޫމާތުތައް ދަނީ ހިއްސާކުރެވެމުން ކަމަށްވެސް ބުނެފައިވެ އެވެ.
އަންނަ މަހު އިޒްރޭލުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޮކްޓޯބަރު 7 ގެ ހަމަލާއާ ގުޅިގެން ނަތަންޔާހޫ އަމަލުކުރި ގޮތަކީ ކެމްޕޭނުގެ މުހިންމު މައުޟޫއެކެވެ.
ނަތަންޔާހޫގެ އެންމެ ބޮޑު ވާދަވެރިޔާ އަދި ކުރީގެ ޖެނެރަލް ގަޑީ އައިސެންކޮޓް ވަނީ، ހަމަލާގެ ކުރިން ލިބުނު އެތައް އިންޒާރަކަށް ނަތަންޔާހޫ އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ނަތަންޔާހޫ އަކީ އެ މަގާމަށް އެކަށީގެންވާ މީހެއް ނޫން ކަމަށެވެ.
ނަތަންޔާހޫގެ އަނެއް ވާދަވެރިޔާ ނަފްތާލީ ބެނެޓް ބުނެފައިވަނީ، އޭނާގެ ވެރިކަމުގައި އެތައް ހާސް އިޒްރޭލު މީހުން މަރުވުމަށް މެދުވެރިވި ނާކާމިޔާބީގެ ސީދާ ޒިންމާ ނަތަންޔާހޫ އުފުލަންޖެހޭނެ ކަމަށެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 73,650 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ މަރުވެފަ އެވެ.
އިނގިރޭސިވިލާތުން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް!
މިއޮތީ ބަނޑުހައިވުމުން ބަނޑުން އަޑު ކިޔާ ސަބަބު!
އިންޑިއާގެ މަޝްހޫރު ފައްޅިއެއް ގަންގާކޯރަށް އަޑިއަށް ހިނގައްޖެ
