ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވަކި ފަރުދަކަށް ގާނޫނާ ހިލާފަށް އަދި ނުއަގުގައި ބިމެއް ވިއްކި މައްސަލައިގައި އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދުދީ، އެ ނިންމުން ހައުސިން މިނިސްޓްރީން ދިފާއުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަހުމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް ހުޅުމާލެއިން ބިން ވިއްކީ 2003 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގެ އެއްވަނަ ފިޔަވަހިން އޭނާއަށް ގޯއްޗެއް ވިއްކުމަށް ނިންމާފައިވާ ނިންމުމަކަށް ބިނާކޮށް ކަމަށެވެ. އެގޮތުން، 22 ޑިސެމްބަރު 2003 ގައި "މޯލްޑިވްސް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ބޯޑު" މެދުވެރިކޮށް ހިންގި ސްކީމުގެ ދަށުން ވިއްކި 56 ގޯތީގެ ތެރެއިން ގޯއްޗެއް ޒާހިރަށް ދޭން ނިންމިކަން ރަސްމީ ލިޔެކިޔުންތަކުން ސާފުވާން އޮތް ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2003 ވަނަ އަހަރު އޭނާއަށް ކަނޑައަޅާފައި ވަނީ 904 އަކަފޫޓުގެ ބިމެއް ކަމަށާއި އޭގެ އަގަކީ 339،000 ރުފިޔާ ކަމަށް ރައީސް އޮފީހުގެ ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓުގެ ލިޔުމުން އެނގެ އެވެ. އަދި ފާއިތުވި ސަރުކާރުތަކުން އެކަމަށް އެއްވެސް ހައްލެއް ހޯދައިދީފައި ނުވާތީ، 2003 ގެ އަގުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އޭނާއަށް ބިން ވިއްކަން ނިންމީ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި މުއާމަލާތުގެ ދަށުން ޒާހިރަށް 1،250 އަކަފޫޓުގެ ބިމެއް ދޫކޮށްފައި ވަނީ 468،750 ރުފިޔާ އަށެވެ. އެއީ އަކަފޫޓަކަށް އެންމެ 375 ރުފިޔާ އެވެ. ހުޅުމާލޭގެ ބިމުގެ އަސްލު އަގު އަކަފޫޓަކަށް 10،000 ރުފިޔާއަށް ވުރެ މަތީގައި އުޅޭއިރު، މިއީ 96 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެކެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ބިމަކީ 'ބިންވެރިޔާ' ސްކީމުގެ ދަށުން ޝަރުތު ހަމަނުވާ މީހެއްގެ އެއްބަސްވުން ބާތިލުކުރުމުން ހުސްވި ބިމެއް ކަމަށާއި، މި ބިން ޒާހިރަށް ދިނީ އެ ސްކީމުން އޭނާއަށް ގުޅީފަޅުން ލިބުނު ގޯތި ދޫކޮށްލަން އެއްބަސްވުމުން ކަމަށެވެ. އަދި މި މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި، ޒާހިރަށް ނުއަގުގައި ގޯތި ދިނުމަށް މިނިސްޓްރީއަށް އެންގީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި އަހުމަދު ޒާހިރަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރެއް ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ނަމަވެސް، މި ނިންމުމަކީ ސީދާ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ ގާނޫނީ ދާއިރާގެ ބޭފުޅުންނާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހުޅުމާލޭގެ ބިންތަކަކީ އެޗްޑީސީގެ އަމިއްލަ ބިންތަކެއް ނަމަވެސް، 'ބިންވެރިޔާ' ސްކީމްގެ ބޭނުމަށް ނިމިދިޔަ ސަރުކާރުން ވަނީ އެ ބިންތައް އެޗްޑީސީ އަތުން ގަނެ، ބަންޑާރަ ބިންތަކެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ. އެހެންކަމުން ޒާހިރަށް ވިއްކި ބިމަކީ ވެސް ބަންޑާރަ ބިމެކެވެ.

ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ގޯއްޗަށް އެދި ހުށަހެޅޭނީ އަދި ގޯއްޗެއް ދޫކުރެވޭނީ ވެސް އެ ސަރަހައްދަކުން ގޯތި ދޫކުރަން ހަމަޖެހިއްޖެކަން އާންމުކޮށް އިއުލާނު ކުރުމުން، ގޯއްޗަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހެޅުމުންނެވެ. އެހެންކަމުން، އެއްވެސް އިއުލާނު ކުރުމެއް ނެތި ވަކި ފަރުދަކަށް ބަންޑާރަ ބިމެއް މިފަދަ ގޮތަކަށް ވިއްކުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށް ގާނޫނީ މާހިރުން ފާހަގަކުރެ އެވެ.