ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ އެކަނިވެރިކަމަކީ ވަށައިގެން އެއްވެސް މީހަކު ނެތުމުން ކުރެވޭ އިހުސާސެއް ކަމަށެވެ.

އެހެން ނަމަވެސް، ރައްޓެހިންނާއެކު އުފާވެރި ވަގުތުތައް ހޭދަ ކުރަމުން، ޕާޓީތަކުގައި ބައިވެރިވަމުން، ނުވަތަ އާއިލާއާއި މަސައްކަތުގެ މާހައުލުގައި މީހުންގެ ތެރޭގައި އުޅުނު ނަމަވެސް، ނަފްސާނީ ގޮތުން އެކަނިވެރިކަން ބޮޑުވެފައިވާކަން އިހުސާސްވާ މީހުން މަދެއް ނޫނެވެ. މިއީ މިއަދުގެ މުޖުތަމައުގައި ވަރަށް އާންމު, ނަމަވެސް އެހާ ބޮޑަށް ވާހަކަ ނުދެކެވޭ މައްސަލައެކެވެ.

މިފަދަ އިހުސާސްތައް ކުރިމަތިވާ ސަބަބުތަކާ ގުޅޭގޮތުން ނަފްސާނީ ހާއްސަ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، އެކަނިވެރިކަމަކީ ވަށައިގެން ތިބި މީހުންގެ އަދަދާ ގުޅިފައިވާ ކަމެއް ނޫނެވެ.

އެހެނެއް ކަމަކު އެއީ ގުޅުންތަކުގެ ފެންވަރާ ގުޅިފައިވާ ކަމެކެވެ. މޯބައިލް ފޯނުގެ ކޮންޓެކްޓް ލިސްޓުގައި އެތައް ސަތޭކަ ބަޔަކު ތިބި ކަމަށް ބުނެވިދާނެ އެވެ. ނަމަވެސް، އަމިއްލަ ހަގީގީ ސިފައިގައި، އެއްވެސް ބިރެއް ނެތި ވާހަކަ ދައްކާލެވޭނެ އެކަކު ނުވަތަ ދެމީހުން ނެތްނަމަ އެކަނިވެރިކަން އިހުސާސްވާން ފަށަ އެވެ.

މީހުންގެ ތެރޭގައި ހުރެ އެކަނިވެރިވާންޖެހޭ މައިގަނޑު ސަބަބުތައް:

ހަގީގީ އަމިއްލަ ނަފްސު ފޮރުވުން: ގިނަ ފަހަރަށް މީހުންގެ ފާޑުކިޔުމާއި، ފުރައްސާރައަށް ބިރުން، އިންސާނުން އަމިއްލަ ނަފްސުގެ ބައެއް ސިފަތައް ބޭރު ފުށުން ފޮރުވަ އެވެ. ވާހަކަ ދައްކައި ހީސަމާސާ ކުރި ނަމަވެސް، ހިތުގައިވާ އަސްލު ހިޔާލުތަކާއި އިހުސާސްތައް އެހެން މީހުންނާ ހިއްސާ ނުކޮށް ސިއްރުކުރެ އެވެ. މީހުންނަށް އެނގެނީ ހަމައެކަނި އަޅުގަނޑުމެން ދައްކަން ބޭނުންވާ ސިފަ އެވެ. އެހެންކަމުން، އެއްވެސް މީހަކަށް އަޅުގަނޑުމެންގެ އަސްލު މިޒާޖާއި ވިސްނުން ނޭނގޭތީ އެކަނިވެރިކަން އިހުސާސްވެ އެވެ.

މާޒީގެ ހިތި ތަޖުރިބާތައް: މާޒީގައި އެހެން މީހުންގެ ފަރާތުން ލިބިފައިވާ ނުރުހުމާއި، ފާޑުކިޔުމާއި، ނުވަތަ ނަފްސާނީ ގޮތުން އެކަހެރި ކޮށްލެވިފައިވުން ފަދަ ކަންކަމުގެ ސަބަބުން އެހެން މީހުންނަށް އިތުބާރު ކުރުމަކީ އުނދަގޫ ކަމަކަށްވެ އެވެ. ގާތް ގުޅުމެއް ބޭނުންވި ނަމަވެސް އަލުން އަނިޔާއެއް ލިބިދާނެ ކަމުގެ ބިރަށްޓަކައި މީހުންނާ މާ ބޮޑަށް ގާތްވާން ޖެހިލުންވެ އެވެ. މީގެ ސަބަބުން ޖިސްމާނީ ގޮތުން މީހުންނާ ކައިރީގައި ތިބި ނަމަވެސް، ނަފްސާނީ ގޮތުން ދުރުގައި ތިބެން މެދުވެރިވެ އެވެ.

ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރު: ސޯޝަލް މީޑިއާއިން ފެންނަނީ އެހެން މީހުންގެ އުފާވެރި ހަޔާތާއި، ރައްޓެހިންނާއެކު ހޭދަކުރާ މަޖާ ވަގުތު ތަކެވެ. މިއީ މީހުންގެ ހަޔާތުގެ ހުރިހާ ހަގީގަތެއް ނޫން ނަމަވެސް، މިއަދުގެ ޒުވާނުންނަށް މިއިން ދައްކައިދެނީ "އެންމެން އުފާވެރި ދިރިއުޅުމެއް އުޅޭއިރު، އަހަރެން އެކަނިވެރި ވެފައިވާ" ކަމުގެ އިހުސާސެވެ.

މިކަމުން އަރައިގަންނާނީ ކިހިނެއް؟

އެކަނިވެރިކަމުން ސަލާމަތްވުމަށް ބޭނުންވަނީ ހަމައެކަނި ގިނަ މީހުންގެ ތެރެއަށް ނުކުތުމެއް ނޫނެވެ. ބޭނުންވަނީ މާނަހުރި ގުޅުންތަކެކެވެ. ބައެއްފަހަރު ބޭނުންވަނީ އަމިއްލަ ނަފްސުގެ މާސްކު ނަގާފައި، ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކާލެވޭނެ އެކަނި އެކުވެރިއެކެވެ.

އަމިއްލަ ނަފްސު ބަލައިގަނެ، އެހެން މީހުންނަށް ހިތުގެ އިހުސާސްތައް ހާމަ ކުރަން ފެށުމަކީ މިކަމަށް އޮތް އެންމެ ރަނގަޅު ފެށުމާއި ހައްލެވެ.