ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވަކި ފަރުދަކަށް ގާނޫނާ ހިލާފަށް އަދި ނުއަގުގައި ބިމެއް ވިއްކި މައްސަލައިގައި އަމާޒުވެފައިވާ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހައްލު ނުވެ ހުރި މައްސަލަތަކުގައި މީގެ ފަހުން ސީދާ އެ މިނިސްޓްރީން ގޮތް ނުނިންމާނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން އަހުމަދު ޒާހިރު ނަމަކަށް ކިޔާ ޕީއެންސީ މީހަކަށް ހުޅުމާލެ އިން ގޯއްޗެއް ނުއަގުގައި ވިއްކަން ނިންމިކަން ފަޅާއެރުމާއި ގުޅިގެން އެކަން ދިފާއުކޮށް އެ މިނިސްޓްރީން ވަނީ މީގެ ކުރިން ބަޔާނެއްވެސް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ މީހަކަށް ހުޅުމާލެއިން ބިން ވިއްކީ 2003 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގެ އެއްވަނަ ފިޔަވަހިން އޭނާއަށް ގޯއްޗެއް ވިއްކުމަށް ނިންމާފައިވާ ނިންމުމަކަށް ބިނާކޮށް ކަމަށެވެ. އެގޮތުން، 22 ޑިސެމްބަރު 2003 ގައި "މޯލްޑިވްސް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ބޯޑު" މެދުވެރިކޮށް ހިންގި ސްކީމުގެ ދަށުން ވިއްކި 56 ގޯތީގެ ތެރެއިން ގޯއްޗެއް ޒާހިރަށް ދޭން ނިންމިކަން ރަސްމީ ލިޔެކިޔުންތަކުން ސާފުވާން އޮތް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި މިނިސްޓަރު މުއްތަލިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ މިނިސްޓްރީން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމާފައިވާ ކަމަށެވެ.
ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އަދި އިންސާފުވެރި ގޮތެއްގައި އަމަލުކުރުމެވެ.
އެހެންކަމުން، މީގެ ފަހުން އެފަދަ މައްސަލަތައް ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސް އަށް ކަމަށާއި، ދެން އެފަދަ މައްސަލަތަކުގައި މިނިސްޓްރީން އަމަލުކުރަމުން ގެންދާނީ އެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ތަނެއް ނުދިނުމުން އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްފި
ފަތްޖެހޭ "އައިފޯން ޑުއޯ" އާއެކު އެޕަލްގެ އާ ފޯނު މާކެޓަށް!
އީރާނާއި އެމެރިކާއިން ބޯޓުފަހަރަށް ހަމަލާދީ ހަމަނުޖެހުންތަކެއް