މި ސަރުކާރު ބުރެކިޖެހި، ސަރުކާރުގެ މުއައްސަސާތައް ފެއިލްވެއްޖެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
"ފެހި ސިގްނަލް" ގެ ނަމުގައި ޕީއެންއެފް އިން މިރޭ ބޭއްވި މި ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށާއި، ބޭކާރު ހަރަދުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން، މި ސަރުކާރުގެ ތެރޭގައި ދައުލަތަށް އެންމެ ގިނައިން ޑޮލަރު ވަދެފައިވީ ނަމަވެސް، އިގުތިސާދު ފުޅާކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށްނުދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މުއިއްޒު ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވިކޮން ކަމެއްތޯ ފުދިގެން ދިޔައީ. ސަރުކާރެއް މި އަންނަނީ ރައްޔިތުންނަށް ކަންތައްތަކެއް ފުއްދައިދޭން. އެއީ ސަރުކާރެއްގެ ބޭނުން. ރައްޔިތުން މިއަދު މިއުޅެނީ އަނގަޔާ އަތާދިމާނުވެގެން،" ޔާމީން ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް 23 ޓެކުހެއް ނަގަމުންދާކަން ފާހަގަކުރައްވައި، ޔާމީން ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ މަދުވެގެން ނޫޅޭ ކަމަށެވެ. ނަމަވެސް ބިއްލޫރި ޓަނަލް ފަދަ ޒަރޫރީ ނޫން ކަންކަމަށް ފައިސާ ހަރަދުކުރާނަމަ އެ ފައިސާ ބޭކާރުވެގެންދާނެ ކަމަށާއި، މިހާރުވެސް ރާއްޖޭގައި އޮތީ ވަސީލަތްތައް ގޯސްކޮށް މެނޭޖުކުރުމުގެ މައްސަލަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ އެހިސާބުން ރައްޔިތުން މި ބުނަނީ ރަސްގެފާނުގެ ބާރުތައް މަޑުޖައްސަން ޖެހެއޭ. ރަސްގެފާނަކަށް ހިތުހުރި ގޮތަކަށް ކަންކަމެއް ނުކުރެވޭނެއޭ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގެ މުއައްސަސާތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޔާމީން ވިދާޅުވީ، ކަންކަން ގޯސްކޮށް ދަނީ މުއައްސަސާތަކުގެ ތެރެއަށް ސަރުކާރުން އަތްބާނާތީ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުންވެސް އެއް ބާވަތެއްގެ މައްސަލަތައް ނިންމުމުގައި އެކި ގޮތްގޮތަށް އަމަލުކުރަމުންދާ ކަމަށާއި، އެ ކޯޓުންވެސް ހަވާލުވެފައިވާ އަމާނާތާ ހިލާފުވަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.
މީގެއިތުރުން، ރައްޔިތުން ސިޔާސީ މީހުންދެކެ ރުޅިއައި ނަމަވެސް، ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ނުކުންނަން ޖެހޭނީ ހަމަ ސިޔާސީ މީހުން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ވެރިކަންކުރާ ފަރާތްތަކަށް ހިތުހުރި ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށާއި، ސަރުކާރުގެ ބާރުތައް މަޑުޖައްސަން ޖެހޭކަމަށް ރައްޔިތުން ބުނަމުންދާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ހޫތީން ރަތްކަނޑުގެ މުހިންމު ބަނދަރެއް ހިފައިފި
