މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ދަތުރުގެ މައުލޫމާތު އަންގަންޖެހޭ ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުފެށުމަށް އެދޭ ކަމަށެވެ. އަދި ދަތުރުކުރާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި، ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ އާލާތްތައް ހުރީ ރަނގަޅު ހާލަތުގައިތޯ ދަތުރު ފެށުމުގެ ކުރިން ޗެކްކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް މުދާ ބަރުނުކުރުމަށާއި، އުޅަނދުގައި ހުންނަ މުދާތައް ރަނގަޅަށް ލައިސަންލައި ބަނދެ ރައްކާތެރިކޮށްފައި ބެހެއްޓުމަށް އެމްއެންޑީއެފުން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި އުޅަނދުފަހަރުގައި ދަތުރުކުރާ އެންމެހައި ފަރާތްތަކުން ލައިފްޖެކެޓް އެޅުމަށާއި، ދަތުރުމަތީގައި އިތުރު ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކުރެ އެވެ.
ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޑައިވިން އަދި މޫދު ކުޅިވަރުތައް (ވޯޓާ ސްޕޯޓްސް) އިންތިޒާމުކުރާ ފަރާތްތަކުން ވެސް މި ދުވަސްވަރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ. އަދި މެޓް އޮފީހުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ކަނޑުދަތުރު ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިދުވަސްވަރު ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން އިއްޔެ އިން ފެށިގެން މާލެ އާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.
ޑެބިޓް ކާޑު އޭޓީއެމްތަކުން "ކްރޮސް ބޯޑާ" ފީ ނުނަގާނެ
މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ތެލުގެ އަގު 107 ޑޮލަރަށް
މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިއްޖެ: ރައީސް ޔާމީން