އިރާގުން ފޮނުވާލި ޑްރޯންތަކަކުން ދިން ހަމަލާތަކާ ގުޅިގެން، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން ބޭނުންކުރާ ތެޔޮ އެކްސްޕޯޓްކުރާ މައި މަގެއް ވަގުތީގޮތުން ބަންދުކުރަން ޖެހިފައިވާ ކަމަށް ސައުދީ ކަމާބެހޭ ފަރާތްތަކުން ސެޕްޓެމްބަރު 11 ގައި ހާމަކޮށްފި އެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން، އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ހަލީޖު ކައިރީގައިވާ އަބްގައިގާއި ރަތްކަނޑުގެ އައްސޭރީގައިވާ ޔަންބޫ ބަނދަރާ ގުޅުވައިދޭ "އީސްޓް-ވެސްޓް" ތެޔޮ ހޮޅީގެ ބޭނުން ރިޔާދުން ވަނީ އިތުރުކޮށްފަ އެވެ.
ސައުދީ ހާރިޖީ ވުޒާރާއިން ވަނީ އިރާގުން އައި ބައެއް ޑްރޯންތަކުން ރިޔާދާއި މަދީނާ ސަރަހައްދުގައިވާ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް އަމާޒުކޮށް ދިން ހަމަލާތައް ކުށްވެރިކޮށްފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެ، ތަންތަނަށް ގެއްލުން ލިބިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.
"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތެޔޮ ހޮޅީގެ މަސައްކަތް ވަނީ ހުއްޓާލާފައި. މި ހަމަލާތަކުގައި ބައެއް މީހުންނަށް އަނިޔާވެފައިވޭ،" އެނާޖީ މިނިސްޓްރީގެ އޮފިޝަލަކު އެސްޕީއޭ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
ސެޕްޓެމްބަރު 10 ވަނަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި، ސައުދީ ތެޔޮ ރަތްކަނޑުގެ އައްސޭރިއަށް އުފުލައިދޭ އީސްޓް-ވެސްޓް ހޮޅި އަޅާފައިވާ މަދީނާ ކައިރީގެ ސަރަހައްދަކުން ކަޅު ދުން އަރަމުންދެ އެވެ.
އިރާގުގެ ބޮޑުވަޒީރު އަލީ އަލްޒައިދީގެ އޮފީހުން ކަށަވަރުކޮށްދިން ގޮތުގައި މި ހަމަލާ ދީފައިވަނީ އިރާގުގެ ސަރަހައްދުންނެވެ. އަދި މިކަމާ ގުޅިގެން އެ ގައުމުގެ ދެކުނުގެ މައިސާން ޕްރޮވިންސްގެ ކޮމާންޑަރު މަގަމުން ވަކިކޮށްފައިވާ ކަމަށް އެކްސް މެދުވެރިކޮށް އިއުލާނުކޮށްފައިވެ އެވެ.
އިރާގު ސަރުކާރުން ބުނީ ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް އެ ގައުމުގެ ސަރަހައްދުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ނުރައްކާތެރި ކުރިއެރުމެއް
ރިޔާދުން ބުނި ގޮތުގައި، އިރާގުގެ ބޮޑުވަޒީރުގެ އެދިލެއްވުމުގެ މަތިން، މި ވަގުތު މި ހަމަލާއަށް ރައްދު ނުދިނުމަށާއި، އިރާގު މަގުން ސައުދީއަށާއި އަވަށްޓެރި ގައުމުތަކަށް ދޭ ހަމަލާތައް ހުއްޓުވުމަށް އިރާގު ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެ ކުރިން ވެސް ސައުދީން ވަނީ އީރާނުގެ ތާއީދު އޮންނަ އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން އެ ގައުމުގެ ތެޔޮ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭ ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް، ގައުމުގެ އިސްތިގްލާލާއި، ސަލާމަތާއި، ވަސީލަތްތަކާއި، ރައްޔިތުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ ހައްގު ސައުދީ އަރަބިއްޔާއަށް ލިބިގެންވާ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
ބަހްރައިން، އުރުދުން އަދި ގަތަރުން ވެސް ވަނީ ސައުދީ ތެޔޮ ހޮޅިއަށް ދިން ހަމަލާ ކުށްވެރިކޮށްފަ އެވެ. އަދި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ވަނީ މިއީ ނުރައްކާތެރި ކުރިއެރުމެއް ކަމަށާއި ސައުދީގެ ސަލާމަތަށް އޮތް ބަލައިނުގަނެވޭނެ ނުރައްކަލެއް ކަމަށް ބުނެފަ އެވެ.
މި ހަފުތާގައި ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ޑީސަލް އަގު ފުރަތަމަ ފަހަރަށް 6 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވެ އެވެ. މިއީ މެދުތެރޭގެ އިންތިހާބާ ކުރިމަތިލާއިރު ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ ސައުދީ އަރަބިއްޔާއާ ދެކޮޅަށް، އީރާނުގެ ތާއީދު އޮންނަ ހޫތީ ހަނގުރާމަވެރިން ޖުލައި މަހު ކަނޑުގެ ބްލޮކޭޑެއް އިއުލާނުކޮށް، ރަތްކަނޑުގައި ދަތުރުކުރާ ސައުދީ ތެޔޮ ޓޭންކަރުތަކަށް ހަމަލާދޭން ވަނީ ފަށާފަ އެވެ.
ސެޕްޓެމްބަރު 11 ގައި ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށާއި ބާބުލް މަންދަބް ކަނޑުއޮޅީގައިވާ ރަށްތަކުގެ ކޮންޓްރޯލް ހޫތީން ހޯދުމާއެކު، ޔޫރަޕާއި އޭޝިއާ ގުޅުވައިދޭ މި މުހިންމު ކަނޑުގެ މަގުގެ މައްޗަށް އެމީހުންގެ ބާރު ވަނީ ވަރުގަދަވެފަ އެވެ. ހޫތީން ބުނި ގޮތުގައި މި ކުރިއެރުންތަކާއެކު، ސައުދީ އަރަބިއްޔާ ފިޔަވައި އެހެން ހުރިހާ ފަރާތްތަކަށް ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ އަމާން ކަމެކެވެ.
ބޯޓުތައް އުރުނު ހާދިސާގައި ބުރިޖަށް ގެއްލުމެއް ނުވޭ: މުއްތަލިބު
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށްފި
ވިއްސާރާގައި ފޭދޫގެ 30 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
