ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ލިންކު ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، މެދުނުކެނޑި ވެހެމުންދާ ވާރޭގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމަށްޓަކައި ޕަމްޕް ބެހެއްޓުމަށް އެކި ސަރަހައްދުތަކުގައި ހޮޅިތައް އަޅަމުންދާ ކަމަށެވެ. އެހެންކަމުން މަގުތައް ބޭނުންކުރާ އެންމެހައި ރައްޔިތުން ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވެސް މެދުނުކެނޑި ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، އިއްޔެ ސަތޭކަ މިލިމީޓަރުގެ ވާރެއާއެކު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫ އަށެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން ހާމަކުރި ގޮތުގައި، އައްޑޫގެ އެކި އަވަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ހަތްދިހައަށް ވުރެ ގިނަ ގެއަށް ފެންވަދެގެން ފޭދޫއާއި މަރަދޫން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވި ބައެއް އާއިލާތައް ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފަ އެވެ.
ލިންކު ރޯޑާއި އެހެނިހެން މަގުތައް ބޭނުންކުރުމުގައި ވެސް ސަމާލުވެ، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި އުޅަނދުފަހަރުގެ ސްޕީޑް މަޑުކޮށްގެން ދުއްވުމަށް ކައުންސިލުން އިލްތިމާސްކުރެ އެވެ. މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
ޕްރިންސަސް ޑަޔާނާގެ "ރިވެންޖް ޑްރެސް" ނީލަމުގައި ވިއްކާލަނީ!
ދީނުގައި ސާބިތުވެ ތިބުމަށް ރައީސް މައުމޫން އިލްތިމާސްކުރައްވައިފި
