ށ. މިލަންދޫ މަގުމަތީގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން މަސައްކަތްކުރި ތިން މީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ މީހުން ފަސް ދުވަހަށް ބަންދުކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 00:15 ހާއިރު، މިލަންދޫ ޣާޒީ މަގުގައި ހުންނަ "ސްނެކް އައުޓް" ކެފޭ ކައިރިންނެވެ. ބާރު ދުވެލީގައި ދިޔަ ދެ ސައިކަލެއް ފުލުހުން ހުއްޓުވަން މަސައްކަތް ކުރުމުން، ސައިކަލުތަކުގައި ތިބި މީހުން ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން ދުއްވާފަ އެވެ.

ކޯޓުގެ ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފުލުހުން އެ މީހުންގެ ފަހަތުން ދަނިކޮށް އެއް ސައިކަލު ކަހާލައިގެން ވެއްޓުނު ނަމަވެސް، އެ ސައިކަލު ދުއްވަން އިން މީހާ ވަނީ ފުލުހުންގެ އަތް ފޮޅުވާލުމަށްފަހު އަލުން ސައިކަލުގައި ފިލާފަ އެވެ. އަދި ދެވަނަ ސައިކަލުގައި ތިބި ދެ މީހުން ވަނީ ރަށުގެ އިރުމަތީ ފަރާތު ހިލަތޮށި ކައިރިއަށް ސައިކަލު ޕާކުކުރުމަށްފަހު، ތަޅުދަނޑި ހިފައިގެން އެ ސަރަހައްދުން ފިލަން ދުވެފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މިލަންދޫއަށް ނިސްބަތްވާ އުމުރުން 26 އަހަރާއި، 34 އަހަރާއި، 36 އަހަރުގެ ދިވެހި ތިން ފިރިހެނުންނެވެ. މި ތިން މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން ވަނީ މަސްތުވާތަކެތީގެ އެކި ބާވަތްތަކަށް ޕޮޒިޓިވްވެފަ އެވެ.

އެގޮތުން 26 އަހަރުގެ މީހާ އޭއެމްޕީ، އޯޕީއައި، ބެންޒޯ އަދި ސީއޭޓީއަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ ވަނީ މަސްތުގެ ހާލަތުގައި ހުރެ ސައިކަލު ދުއްވި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ. ދެން ހިމެނޭ 34 އަހަރާއި 36 އަހަރުގެ ދެ މީހުން ޕޮޒިޓިވްވެފައިވަނީ އޭއެމްޕީ، ޓީއެޗްސީ، އޯޕީއައި، ބެންޒޯ އަދި ސީއޭޓީ އަށެވެ. ނަމަވެސް 36 އަހަރުގެ މީހާ ކޯޓުގައި ބުނެފައިވަނީ އޭނާ ޕޮޒިޓިވްވީ ސައިނަސްގެ މައްސަލައަކަށް ބޭނުންކުރި ބޭހެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.

އެ އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ހަސަން ޝިޔާމް މި މައްސަލަ ބެއްލެވުމަށްފަހު ނިންމެވީ، މަސްތުގެ ހާލަތުގައި ތިބެ އާންމު މަގުމަތީގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވުމަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ، މި ތިން މީހުންވެސް ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކުރައްވާފަ އެވެ.