ހޮރްމުޒް ކަނޑުއޮޅިއާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އީރާނާއި ސަރަހައްދީ އެހެން ގައުމުތަކާއެކު ހޯމަ ދުވަހު މަސްކަޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ފަސްކުރަން ޖެހިފައިވާ ކަމަށް އޮމާނުން ބުނެފި އެވެ.
މި ބައްދަލުވުމަކީ ހޮރްމުޒް ކަނޑުއޮޅީގެ ދެފަރާތުގައި އޮތް އީރާނާއި އޮމާނުން ގުޅިގެން، އެ ސަރަހައްދުގެ އުޅަނދުފަހަރު ދަތުރުފަތުރު ކުރުން މެނޭޖްކުރުމާ ބެހޭގޮތުން ސަރަހައްދީ ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއެކު ބާއްވަން އުޅުނު ބައްދަލުވުމެކެވެ. ނަމަވެސް އޮމާނުގެ ހާރިޖީ ވަޒީރު ބަދުރު އަލްބޫސައިދީ އެކްސްގައި ވިދާޅުވީ، ބައްދަލުވުން ފަސްކުރީ އެންމެން އެއްބަސްވާ ގޮތެއްގެ މަތިން ކުރިއަށް ދިއުމަށްޓަކައި ކަމަށެވެ.
އީރާނުގެ ހާރިޖީ ވުޒާރާގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު އަލީ ބަކް އާ ހަވާލާދީ އިރްނާ ނިއުސް އޭޖެންސީން ބުނީ، މި މަޝްވަރާތައް ފަސްކުރީ ސަރަހައްދީ ބައެއް ގައުމުތަކުގެ އެދުމުގެ މަތިން ކަމަށެވެ.
ހަބަރުތައް ބުނާގޮތުގައި، އީރާނާއި އޮމާނުގެ އެއްބަސްވުމަށް ސައުދީ އަރަބިއްޔާއިން ވަނީ ބައެއް އިސްލާހުތައް ހުށަހަޅާފަ އެވެ. ސައުދީގެ ކަންބޮޑުވުމަކީ މި އެއްބަސްވުމުގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅިއަށް ދާއިމީ ބަދަލުތަކެއް އައިސް، ގަލްފް ކައުންސިލް (ޖީސީސީ) ގެ އެހެން ގައުމުތަކަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެތީ އެވެ.
ވިޔަފާރި އުޅަނދަކަށް ދިން ހަމަލާގައި އެކަކު މަރުވި ކަމަށް އީރާނުން ބުނުން
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި، ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ ގިޝްމް ރަށާ ދުރުން އީރާނުގެ ވިޔަފާރި އުޅަނދަކަށް ހަމަލާއެއް ދީ، އެކަކު މަރުވެ ތިން މީހަކު ވަނީ ޒަހަމްވެފަ އެވެ.
ވަކިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ވަނީ ކަނޑުއޮޅިން ދަތުރުކުރި އުޅަނދަކަށް ހަމަލާއެއް އަމާޒުވި ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ހަމަ އެއް އުޅަނދެއްކަން އަދި ސާފެއް ނުވެ އެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. މީގެކުރިން އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކުރުމުގެ ތެރެއިން އީރާނުގެ ބައެއް އުޅަނދުފަހަރަށް ހަމަލާދީފަ އެވެ.
އެމްޕީއެލްގެ މުވައްޒަފުން ވެސް ޕީއެންސީއަށް ވަންނަން މަޖުބޫރު!
އިންޑޮނޭޝިއާގައި ފެރީއެއް ބަންޑުންޖަހާލައި 130 މީހުން ގެއްލިއްޖެ
ވިއްސާރާގައި އައްޑޫ އާއި ފުވައްމުލަކުގައި ފެންބޮޑުވެ ގެއްލުން
