ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ހިމެނޭ ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންގެ އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމަށް ދައުލަތުން އެދުނު އަމުރު ނެރެދެވެން ނެތްކަމަށް ހައި ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އެ އަމުރާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް އަންގައިފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު އެވެ.
މި މައްސަލައަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަނގުރާމައަށް ދާން އުޅުމާއި، ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރާ ލިޔުން ގެންގުޅުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން ފަދަ ތުހުމަތުތަކުގައި ސ. މަރަދޫފޭދޫ ފިނިފެންމާގެ އިބްރާހީމް ވިސާމާއި، ގދ. ނަޑެއްލާ ހިތަށްފިނިވާގެ ސައުސަން ރަޝީދު އަދި މ. އެޗީވް އަބްދުންނާސިރު ނުވަތަ އަބްދުﷲ ހުވައިރިސް ބިން މުހައްމަދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރާ މައްސަލައެކެވެ.
މައްސަލައިގެ އިންޓެލިޖެންސް އަދި އިލެކްޓްރޯނިކް ޑިވައިސް އެނެލިސިސް ރިޕޯޓުތައް ތައްޔާރުކުރި އޮފިސަރުންގެ ކާކުކަން ހާމަނުވާނެހެން އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމަށް ދައުލަތުން އެދުމުން، ވަކިވަކި އޮފިސަރުންނަށް އޮތް ހާއްސަ ނުރައްކަލެއް ދައްކައިދެވިފައި ނުވާކަމަށް ބުނެ ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކުރިން ނިންމީ ދައުލަތުގެ އެދުމާ އެއްގޮތަށް އަމުރު ނެރެދެވެން ނެތްކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ލިޔުއްވައި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތާއީދުކުރެއްވި ރައުޔުގައި ފާހަގަކުރެއްވީ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބުނާ "ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލު" އޮތްކަން ބެލުމުގައި ކޮންމެހެން މީގެ ކުރިން އަނިޔާއެއް ނުވަތަ އިންޒާރެއް ލިބިފައިވުން ލާޒިމެއް ނޫން ކަމަށެވެ. އަދި އިންޓެލިޖެންސް އޮފިސަރުންގެ މަސައްކަތުގެ ތަބީއަތަށް ބަލައި ޖަމާއީ ގޮތެއްގައި ނުރައްކަލެއް އޮތްކަން ބުނެދެވުމުން ފުދޭނެ ކަމަށާއި، ހެކިބަސް ސިއްރުކުރުމާމެދު ގޮތެއް ނިންމާއިރު ދައުލަތުގެ ސެކިއުރިޓީ ނިޒާމާއި އިންޓެލިޖެންސް މައުލޫމާތު ސިއްރުކުރުމުގެ އާންމު މަސްލަހަތަށް ވެސް ރިއާޔަތްކުރަން ޖެހޭނެ ކަމަށް ރައުޔުގައި ބަޔާންކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހައި ކޯޓުގެ ނިންމުން ބާތިލުކޮށް، ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގާނޫނީ އުސޫލުތަކަށް ރިއާޔަތްކޮށް ހެކި ހިމާޔަތްކުރުމުގެ އަމުރާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް ހުކުމްކޮށްފަ އެވެ.
ހަނގުރާމަ ވަރުގަދަވެ، ސައުދީއަށް ހޫތީން ގިނަ ހަމަލާތަކެއް ދީފި
ބާރަށް ސައިކަލު ދުއްވި ބަޔަކު ޑްރަގަށް ޕޮޒިޓިވްވެ ބަންދުކޮށްފި