ލޯކަލް ކައުންސިލްތަކުގެ މާލީ ގާބިލުކަން އިތުރުކުރުމަށް ދައުލަތުގެ އާމްދަނީން ދޭ ބްލޮކް ގްރާންޓުގެ މިންވަރު 15 އިންސައްތައަށް ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އިތުރުކުރުމަށް އެ ޕާޓީގެ ކުރިއަށް އޮތް ކޮންގްރެސްއަށް ސިޔާސަތު ކަރުދާހެއް ހުށަހަޅައިފި އެވެ.
އަންނަ އޮކްޓޯބަރު 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅާ މި އިސްލާހުތަކަކީ ލޯކަލް ކައުންސިލް އެސޯސިއޭޝަނުން އެކުލަވާލާފައިވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހުށަހެޅުންތަކެކެވެ. މި ސިޔާސަތު ކަރުދާހުގައި ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފަ އެވެ.
ބްލޮކް ގްރާންޓުގެ މިންވަރު މިހާރު ދޭ ފަސް އިންސައްތައިން 15 އިންސައްތައަށް އިތުރުކުރަން ނިންމީ ކައުންސިލްތަކަށް މިހާރު ލިބޭ ފައިސާއިން ހިންގުމުގެ ހަރަދުތައް ކުރުމަށްފަހު، ރައްޔިތުންނާ ގުޅިގެން ތައްޔާރުކުރާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ފައިސާ ނުހުންނާތީ އެވެ. މީގެ އިތުރުން ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ސެކްޓޯރަލް ގްރާންޓް ކައުންސިލްތަކަށް ފޯރުކޮށްދިނުންވެސް މި ކަރުދާހުގައި ހިމެނެ އެވެ.
މި ހުށަހެޅުމުގެ ތެރޭގައި ގްރީން ފަންޑަށް ނަގާ އަދަދުގެ 20 އިންސައްތައާއި، ބިމު ކުލީގެ 50 އިންސައްތައިގެ އިތުރުން އެ ދާއިރާއަކުން ނަގާ މަރުކަޒީ ޓެކްސްތަކުގެ ފަސް އިންސައްތަ ކައުންސިލްތަކަށް ދިނުމަށް މަޝްވަރާކުރުން ހިމެނެ އެވެ. އަދި ސަރަހައްދީ ކޮމިއުނިޓީ ބޭންކްތައް އުފެއްދުމުގެ ފުރުސަތު ދިނުމާއެކު، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނިވެރިވެވޭނެ މިންވަރެއް ކަނޑައެޅުމާއި ސޮވެރިން ގެރެންޓީ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ވެސް ހިމެނެ އެވެ.
މި ކަރުދާހުގައިވާ އެންމެ ބޮޑު އެއް އިސްލާހަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާލުމެވެ. އެ ކޮމިޓީތައް އުވާލުމަށްފަހު، ކައުންސިލްތަކުގެ ރައީސުން ފިޔަވައި ދެން ހުރި ގޮނޑިތައް ދެޖިންސަށް ހަމަހަމަވާނެހެން ކަނޑައެޅުމަށް ވަނީ ހުށަހަޅާފަ އެވެ.
ގާނޫނުއަސާސީން އިހުތިސާސް ކަނޑައެޅުން: ރަށާއި އަތޮޅުގެ އިހްތިސާސް ގާނޫނުއަސާސީގައި ކަނޑައަޅައި، އެ ސަރަހައްދުގައިވާ ގުދުރަތީ ވަސީލަތްތަކުގެ (ބިން، ކަނޑު، ފަޅު، ފަރު) މިލްކުރެވިެރިކަން ކައުންސިލަށް ދިނުން.އަތޮޅު ކައުންސިލްގެ ދައުރު: އަތޮޅު ކައުންސިލް އަލުން އިޔާދަކޮށް، ރަށު ކައުންސިލްގެ އިހުތިސާސްގައި ނުހިމެނޭ ވަސީލަތްތައް އަތޮޅު ކައުންސިލަށް ލިބި، ރަށު ކައުންސިލްތަކަށް މާލީ އެހީތެރިކަން ދެވޭނެ މަގުފަހިކުރުން.
މުވައްޒަފުންގެ ބާރު ކައުންސިލަށް: މުވައްޒަފުން އައްޔަނުކުރުމާއި، ޕްރޮމޯޝަން ދިނުމާއި، ފިޔަވަޅުއެޅުމާއި ވަކިކުރުމުގެ ބާރު ކައުންސިލަށްދީ، މުވައްޒަފުން ކައުންސިލަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ކަނޑައެޅުން.
ކައުންސިލަރުންގެ ދައުރު ބަދަލުކުރުން: ކައުންސިލް ރައީސް އާއި ނައިބުރައީސް ފިޔަވައި އެހެން މެންބަރުންނަކީ ދުވަހުން ދުވަހަށް އޮފީހަށް ނުކުންނަން ނުޖެހޭ (ސިޓިން/ފިކްސްޑް އެލަވަންސް ލިބޭ) ބަޔަކަށް ހަދައި، ކައުންސިލަރުންގެ އަދަދު ގިނަ ކުރުން.
ދިގު މުއްދަތުގެ ގައުމީ ތަރައްގީގެ ޕްލޭން: ސަރުކާރާއި ކައުންސިލްތައް މަޝްވަރާކޮށްގެން އެކުލަވާލާ ދުރު މުސްތަގުބަލުގެ ގައުމީ ތަރައްގީގެ ޕްލޭންގެ އޮނިގަނޑު ގާނޫނުގައި ކަނޑައެޅުމާއި، ސިޔާސީ މެނިފެސްޓޯތައް އެ އޮނިގަނޑަށް ފެތޭގޮތަށް ބައްޓަންކުރުން.ހިދުމަތްތައް ޑެލިގޭޓްކުރުން: ރަށުގައި ދޭ ސަރުކާރުގެ ހިދުމަތްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށުން ފޯރުކޮށްދިނުން.
ކައުންސިލް އިންތިހާބުގައި ދިރިއުޅޭ ތަނުން ވޯޓުލުން: ކައުންސިލް އިންތިހާބުގައި އެ ދާއިރާއެއްގައި ރަށްވެރިވެ ދިރިއުޅޭ މީހުންގެ ވޯޓުލުން އެ ދާއިރާއެއްގެ ކައުންސިލް އިންތިހާބުކުރުން.
ކައުންސިލްތަކުގެ ގާނޫނީ ޝަހްސް: ކައުންސިލްތަކުގެ ހައްގުގައި ވަކާލާތުކުރާނެ ގާނޫނީ ބާރު ލިބިދީފައިވާ ޝަހްސެއް އުފެއްދުން.
މައްސަލަ ހައްލުކުރާނެ ނިޒާމެއް އުފެއްދުން: ކައުންސިލްތަކާއި ސަރުކާރާ ދެމެދު ދެބަސްވުންތައް ހައްލުކުރުމަށް ނިޒާމެއް އެކުލަވާލުން.
އަގު ބޮޑެތި ތަކެތި ވަގަށް ނެގި ދެ މީހަކު މާމެންދޫން ހައްޔަރު
ހަނގުރާމަ ވަރުގަދަވެ، ސައުދީއަށް ހޫތީން ގިނަ ހަމަލާތަކެއް ދީފި
