ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތަކުން ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ކަނޑައަޅާފައިވާ ޑޮލަރުގެ މިންވަރަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ގަވާއިދަށް ގެނައި ބަދަލަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކުރުމަށްފަހު ނިންމާފައިވާ މުހިންމު ނިންމުމެއް ކަމަށެވެ. އެހެންކަމުން މިވަގުތު މި ގަވާއިދަށް ނުވަތަ ގާނޫނަށް އިތުރު އިސްލާހެއް ގެނައުމަށް ސަރުކާރުން ގަސްދުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ރިސޯޓުތަކުން ބޭރު ފައިސާ މާރުކުރުމުގެ އުސޫލު އެންމެ ފުރަތަމަ އެކުލަވާލީ 2024 ވަނަ އަހަރު އެވެ. އެއިރު ހަމަޖެހިފައި އޮތީ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރާ ގޮތަށެވެ. ނަމަވެސް، މިދިޔަ މަހު ސަރުކާރުން ވަނީ މި އަދަދު އާމްދަނީގެ 40 އިންސައްތައަށް ބޮޑުކޮށްފަ އެވެ.
މި ނިންމުމާ ގުޅިގެން ރިސޯޓުތައް ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މަޓީން ބުނެފައިވަނީ އެކަށީގެންވާ މަޝްވަރާއަކާ ނުލައި ގެނައި މި ބަދަލުގެ ސަބަބުން ވިޔަފާރިތަކަށް ބުރަބޮޑުވާނެ ކަމަށާއި، ރިސޯޓުތަކަށް އުފުލޭނީ ގިނަވެގެން 10 އިންސައްތަ މާރުކުރުމުގެ ބުރަ ކަމަށެވެ. މީގެއިތުރުން، ރިސޯޓުތަކުގެ ހިންގުމުގެ ހަރަދުތަކާއި، މުސާރަ އާއި ސާވިސް ޗާޖުގެ އިތުރުން ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި ބިމު ކުލި ފަދަ ހުރިހާ ކަމެއްހެން ދައްކަންޖެހެނީ ޑޮލަރުން ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް، ރައީސް މުހައްމަދު މުއިއްޒު ވަނީ މި ބަދަލުގެ ސަބަބުން ރިސޯޓުތަކަށް ދަތިނުވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ރައީސް ވިދާޅުވީ، ހިސާބުތަކުން ދައްކާ ގޮތުގައި 40 އިންސައްތަ މާރުކުރުމަކީ ރިސޯޓުތަކަށް ތަކުލީފަކަށް ނުވާނެ ކަމަށާއި، ބައެއް ފަރާތްތަކުން ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު މާރުކުރަމުންދަނީ އެ ފަރާތްތަކުގެ އަތުގައި އިތުރަށް ޑޮލަރު ހުރުމުން ކަމަށެވެ.
ޑޮލަރުގެ އަގު ތިރިކުރެވިއްޖެ: ސައީދު
"ބަންކަރިން ހިދުމަތުން 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު"
