މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

މިއީ ނޮވެމްބަރު 2022 ގައި މެލޭޝިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންވަރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ރައީސް މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު ޖުމްހޫރީ މައިދާން ސަރަހައްދުގަ އެވެ. އެއަށްފަހު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވައި މުހިންމު ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ. މީގެ އިތުރުން ނައިބު ރައީސާއި މަޖިލީހުގެ ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު، ބޮޑުވަޒީރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެއެވެ.

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1968 ވަނަ އަހަރުގައެވެ. މެލޭޝިއާގެ ބޮޑުވަޒީރަކު އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންނެވީ 2017 ވަނަ އަހަރުގަ އެވެ.