ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމުގެ ދިރާސާތައް ކުރުމަށް މެލޭޝިއާގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޮނާސްއާއެކު މަޝްވަރާކުރައްވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ނޫސްބަޔާނުގަ އެވެ. މި ބަޔާނުގައި އޭނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެޔޮ ހޯދުމުގެ މަސައްކަތުގައި ޕެޓްރޮނާސްއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ކެނެޑާއާއި ބްރެޒިލްއާއި ޕެރޫގެ އިތުރުން ތުރުކުމެނިސްތާނާއި ސޫދާން އަދި ސޫރިނާމް ފަދަ ގައުމުތަކުގައި ޕެޓްރޮނާސްއިން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އައިސް ތެޔޮ ހޯދުމުގެ ދިރާސާތައް ކުރުމަކީ އެ ކުންފުންޏަށް ދަތިކަމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖާޒީ ރާގެއްގައި ބޮޑުވަޒީރު ވިދާޅުވީ، ރާއްޖެއިން ތެޔޮ ނުފެނުނު ކަމުގައި ވިޔަސް ޕެޓްރޮނާސްގެ މާހިރުންނަށް ރާއްޖޭގައި ދުވަސްކޮޅަކު އަރާމުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މެލޭޝިއާގެ ސަރުކާރުން ކޮށްދިނުމަށް އެދޭ މުހިންމު ކަންތައްތަކެއް ބޮޑުވަޒީރުގެ ސަމާލުކަމަށް ގެންނަވާފަ އެވެ. އެ ކަންކަމަށް މެލޭޝިއާ ސަރުކާރުން އެދެވޭ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު އަންވަރު ދެއްވި އެވެ.

ރާއްޖެއިން އެދުނު ކަންކަމުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މެލޭޝިއާގެ މަރުކަޒީ ބޭންކު، ބޭންކް ނިގަރާ މެލޭޝިއާގައި އެދިފައިވާ ސަތޭކަ މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން މެލޭޝިއާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުންވެސް ހިމެނެ އެވެ.

މަރުކަޒީ ބޭންކުގެ ފެސިލިޓީ ހަމަޖެއްސުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި، ދެ ބޭންކު ގުޅިގެން އިދާރީ މަސައްކަތްތައް އަވަސްކުރުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. ނަމަވެސް މި ފެސިލިޓީ ހަމަޖައްސައިދޭނެ ވަކި އުސޫލެއް އަދި ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެ އެވެ.