ދިރާގުގެ ހިއްސާދާރުންގެ ޑިވިޑެންޑް ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް ދޫކުރުމަށްޓަކައި، ހިއްސާދާރުންގެ 'ޓެކްސް ރެޒިޑެންސީ ސްޓޭޓަސް' ނުވަތަ ޓެކްސް ދައްކަންޖެހޭ ގައުމުގެ މައުލޫމާތު ރަނގަޅުތޯ ބެލުމަށްފަހު، އެ މައުލޫމާތު އަޕްޑޭޓްކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 55ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ޓެކްސް ރެޒިޑެންޓުން ނޫން ފަރާތްތަކަށް ދޭ ފައިދާއިން 10 ޕަސެންޓްގެ ރޭޓުން 'ނޮން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް' އުނި ކުރަންޖެހެ އެވެ.

މީގެ އިތުރުން، ފައިދާ ދޫކުރާ ވަގުތު އެއީ ރާއްޖޭގެ ޓެކްސް ރެޒިޑެންޓެއްކަން ކުންފުންޏަށް ކަށަވަރު ނުކުރެވޭ ނަމަ، އެ ގާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ދައްކަންޖެހޭ ޓެކްސް އުނިކުރުމަށް ކުންފުންޏަށް ލާޒިމުކުރެ އެވެ.

އެހެންކަމުން، ޓެކްސް ރެޒިޑެންސީ މައުލޫމާތު އަޕްޑޭޓްކުރަން ބޭނުންވާ ހިއްސާދާރުން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (MSD) ގެ ޕޯޓަލް https://infinity.mv/ މެދުވެރިކޮށް، ނުވަތަ، 'ޝެއާހޯލްޑާ އިންފޮމޭޝަން ފޯމު' ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކުރުމަކީ ދިރާގުގެ ވަރަށް ބޮޑު އެދުމެއްކަން އެ ކުންފުނިން ފާހަގަކުރެ އެވެ.