އެމްއެމްއޭ ރިސަރޗް ފަންޑުގެ 2026ވަނަ އަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. މި ރިސާޗް ފަންޑުގެ ދަށުން އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ. މި ގްރާންޓަށް ކަޑައަޅާފައިވާ ޖުމްލަ އަދަދަކީ ފަސް މިލިއަން ރުފިޔާ އެވެ.

މި ގްރާންޓްތަކުގެ މަގްސަދަކީ އިލްމީ ދިރާސާ އަދި ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ދިރާސާ ކަރުދާސް އަދި ފޮތް ލިޔުމަށް ހިތްވަރުދިނުމާއި، ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ އިގްތިސާދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށް އީޖާދީ މަތީ ފެންވަރުގެ ދިރާސާތައް ކުރުމަށް ހިތްވަރުދިނުމެވެ.

މި ފަންޑަށް އަމިއްލަ ފަރުދުންނަށާއި ތައުލީމީ އިދާރާތަކާއި ތިންކު ޓޭންކުތަކަށް ކުރިމަތިލޭވޭނެ އެވެ. އެމްއެމްއޭއިން ހާމަކުރާގޮތުގައި، މި ފަންޑަށް ހުށަހަޅާ ޓީމުތައް ލީޑުކުރާ ފަރާތަކީ މާސްޓާސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮތް ފަރުދަކަށް ވާންޖެހެ އެވެ. އަދި ޕީއެޗްޑީ އޮންނަ ފަރާތްތަކުން މި ފަންޑަށް ކުރިމަތިލުމަށް އެ އޮތޯރިޓީން ހިތްވަރުދެ އެވެ.

އެމްއެމްއޭއިން ހާމަކުރާ ގޮތުގައި ރިސަރޗް ގްރާންޓްގައި އެންމެ ބޮޑަށް ބަލާނީ އެމްއެމްއޭގެ މަގްސަދުތަކާއި ގައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށެވެ. ނަމަވެސް، އެހެން ދާއިރާތަކުން ވެސް ރިސާޗް ގްރާންޓަށް ކުރިމަތިލެވޭނެ އެވެ. އެ އޮތޯރިޓީން ފާހަގަކޮށްފައިވާ ބައެއް ދާއިރާތަކަކީ؛

  • އިގްތިސާދީ ހަމަޖެހުން، މަނިޓަރީ ސިޔާސަތު، އަދި އިންފްލޭޝަން ޑައިނަމިކްސް
  • މާލީ ދާއިރާގެ ވިލުންވެރިކަން، ގާނޫނުތަކާއި، އީޖާދުތައް
  • ޑިޖިޓަލައިޒޭޝަން، ފިންޓެކް، އަދި މާލީ ބައިވެރިވުން
  • ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިގްތިސާދު
  • އިސްލާމީ މާލިއްޔަތާއި ދެމެހެއްޓެނިވި ތަރައްގީ
  • ވަޒީފާގެ ބާޒާރާއި ތައުލީމީ ދާއިރާ
  • ބޯހިޔާވަހިކަމާއި، އަރބަން ޑިވެލޮޕްމަންޓް އަދި ސްޕޭޝިއަލް އިކޮނޮމިކްސް
  • ސިއްހީ ދާއިރާ، ދައުލަތުގެ ހަރަދު، އަދި އިޖްތިމާއި ރައްކާތެރިކަން

އެމްއެމްއޭގެ ރިސާޗް ފަންޑަކީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ އޮތޯރިޓީގެ ރިސާޗް ކޮންފަރެންސްގައި އިފްތިތާހް ކޮށްފައިވާ ފަންޑެކެވެ. މި ފަންޑުގެ ފުރަތަމަ ބުރު ހުޅުވާލާފައި ވަނީ 2025 ވަނަ އަހަރެވެ. މިގޮތުން، 2025 ވަނަ އަހަރު މި ފަންޑުގެ ދަށުން 6 ރިސަރޗް ޕްރޮޕޯސަލް އަދި އެއް ފޮތް ގްރާންޓް އެވޯޑު ކޮށްފައިވެ އެވެ.

އެމްއެމްއޭގެ ރިސަރޗް ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު 13 އޮކްޓޫބަރު ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ. ރިސާޗް ފަންޑަށް ކުރިމަތިލާނީ އެމްއެމްއޭ ރީސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށެވެ.

ރިސަރޗް ފަންޑާބެހޭ އިތުރު މައުލޫމާތު އަދި އެޕްލިކޭޝަން ހުށަހެޅުމަށް މި ލިންކަށް ކްލިކްކޮށްލައްވާ!