އަންނަ އޮކްޓޯބަރު މަހުން ފެށިގެން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވަލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލު ނުކުރެވޭނެކަން ފާހަގަކޮށް، އެ އިސްލާހު އަނބުރާ ގެންދިއުމަށް ރަޝިއާގެ ފަތުރުވެރިކަމުގެ ސިނާއަތް ތަމްސީލުކުރާ އެންމެ ބޮޑު ޖަމިއްޔާ، ރަޝިއަން ޔޫނިއަން އޮފް ޓްރެވަލް އިންޑަސްޓްރީ (އާރުއެސްޓީ)އިން ގޮވާލައިފި އެވެ.
މިދިޔަ އޮގަސްޓު މަހުގެ 31 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ޖީއެސްޓީ ގާނޫނުގެ އަށްވަނަ އިސްލާހަކީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި ހިންގާ އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވަލް އެޖެންޓުންގެ އިތުރުން ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގެނައި އިސްލާހެކެވެ.
ރަޝިއާގެ 3،000 އަށްވުރެ ގިނަ ޓޫރިޒަމް ކުންފުނި ތަމްސީލުކުރާ އާރުއެސްޓީއިން ވަނީ އެ އިސްލާހާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް، ރާއްޖެއިން ރަޝިއާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު އަބްދުއްރަހީމް އަބްދުއްލަތީފަށް ސިޓީއެއް ފޮނުއްވާފަ އެވެ.
އެ ޖަމިއްޔާގެ މައިގަނޑު ކަންބޮޑުވުމަކީ ރަޝިއާގެ ކުންފުނިތަކުން އެ ގައުމުގައި ހިންގާ އެތެރޭގެ ވިޔަފާރި މުއާމަލާތްތަކުން ދިވެހި ސަރުކާރަށް ޓެކްސް ދައްކަން ޖެހުމެވެ. އެއީ ގާނޫނީ ގޮތުން ވެސް ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.
ރަޝިއާގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ރާއްޖޭގެ ކުންފުނިތަކުން ޗުއްޓީ ޕެކޭޖުތައް ގަންނައިރު އޭގެ އަގުގައި ރާއްޖޭގެ ޓެކްސް ހިމެނިފައި އޮންނައިރު، ރަޝިއާގައި އެ ޕެކޭޖުތައް އާންމުންނަށް ވިއްކާއިރު އެ ގައުމުގެ ސަރުކާރަށް ވެސް ޓެކްސް ދައްކަންޖެހެ އެވެ.
މި އިސްލާހު ތަންފީޒު ކުރުމަށްޓަކައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ރަޝިއާގެ ކުންފުނިތަކުން ހިންގާ މުއާމަލާތްތަކުގެ ތަފްސީލު ހޯދަން ޖެހޭނެ އެވެ. ނަމަވެސް އާރުއެސްޓީއިން ބުނި ގޮތުގައި ރަޝިއާގައި ހިންގާ ވިޔަފާރި މުއާމަލާތްތަކުގެ މައްޗަށް ބޭރު ގައުމެއްގެ ޓެކްސް އިދާރާއަކަށް ކޮންޓްރޯލް ހިންގޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.
އެއާއެކު އެ ޖަމިއްޔާއިން ވަނީ އާ އިސްލާހުގެ ދަށުން ގެނެވުނު ބަދަލުތަކުން ރަޝިއާގެ ކުންފުނިތައް އިސްތިސްނާ ކުރުމަށާއި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިންގާފައިވާ މުއާމަލާތްތަކުން އިތުރު ޓެކުހެއް ނުނެގުމަށް އެދިފަ އެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. މިއަހަރުގެ މިހާތަނަށް ވެސް 224،031 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ދެވަނައިގައި އޮތީ ރަޝިއާ އެވެ.
އަންނަ މަހު އަމަލުކުރަން ފަށާ ޖީއެސްޓީ ގާނޫނުގެ އިސްލާހު އަނބުރާ ގެންދިއުމަށް ރަޝިއާގެ އިތުރުން ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ އިޓަލީއާއި ފްރާންސްގެ ޓްރެވަލް އެޖެންސީތައް ތަމްސީލުކުރާ ޖަމިއްޔާތަކުން ވެސް ވަނީ އެދިފަ އެވެ.
މިއީ ކުޑަ އަވަށަކުން އުފަންވި ބޮޑު ހުވަފެނެއް: ކާތިކް
ނުގުޅުނު ބޭރުގެ 8 ކުންފުންޏެއްގެ މައުލޫމާތު އާއްމުކޮށްފި
ސޯސަންމަގުގައި ހިނގި އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
