ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ރޭ މިކަމަށް އިލްތިމާސްކޮށްފައި ވަނީ، ކުރިއަށް އޮތް ވަގުތުތަކުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފައިވާތީ އެވެ.

މިގޮތުން ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ފަހު ނޫނީ ދަތުރު ނުފެށުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ. އަދި އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކުގެ އިތުރުން ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ އާލާތްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ޗެކްކުރުމަށް ވެސް ވަނީ ހަނދާންކޮށްދީފަ އެވެ.

މީގެއިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން އެކަށީގެންވާ ވަރަށްވުރެ ބޮޑަށް މުދާ ބަރުނުކުރުމަށާއި، އުޅަނދުގައި މުދާ ރައްކާތެރިކަމާއެކު ބަނދެ ލައިސަންލާފައި ބެހެއްޓުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑުމަތީގެ ދަތުރުތަކުގައި ލައިފްޖެކެޓް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެ އެވެ.

ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި ޑައިވިން އަދި މޫދު ކުޅިވަރުތައް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އަންގާފަ އެވެ. ހާއްސަކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެއްވެސް ދަތުރެއް ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.