އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަން ފެއްޓެވުމުގެ ކުރިން، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ރާއްޖޭގެ ވަފުދުން މަޖިލިސް ދޫކޮށް ނުކުމެއްޖެ އެވެ.
މިހާރު ކުރިއަށްދާ އދ ގެ އާންމު މަޖިލީހުގެ ސެޝަންގައި އިޒްރޭލުގެ ބޮޑުވަޒީރު ވާހަކަދައްކަވަން ފެއްޓެވުމާއެކު، ރާއްޖޭގެ އިތުރުން ގިނަ ގައުމުތަކަކުން ވަނީ މަޖިލިސް ދޫކޮށް ނިކުމެފަ އެވެ. މިއީ ޖެހިޖެހިގެން ރާއްޖެއިން މިފަދަ ފިޔަވަޅެއް އެޅި ތިންވަނަ އަހަރެވެ. މިއަހަރުގެ އާންމު މަޖިލީހުގައި ރާއްޖޭގެ ވަފުދު އިސްކޮށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފެވެ.
ރާއްޖޭގެ ވަފުދު އދ ގެ މާލަން ދޫކޮށް ނިކުތުމާ ގުޅިގެން ފޮރިން މިނިސްޓަރު އިރުތިޝާމް އާދާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރިހާ ގައުމަކުންވެސް ހަމަހަމަކަމާއެކު ތަބާވާންޖެހޭނެ ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށްވުރެ މަތީގައި އެއްވެސް ގައުމަކަށް ނޯވެވޭނެ ކަމަށެވެ. އަދި އެފަދަ މާހައުލެއްގައި ރާއްޖެއިން ބައިވެރިނުވާނެ ކަމަށާއި، އެއީ އާންމު ކަމެއްގެ ގޮތުގައި ބަލައިނުގަންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު ކަމަށެވެ. އަދި 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށާއި، އދ ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރާއްޖެއިން ކުރާ ގޮވާލުން މިނިސްޓަރު ތަކުރާރު ކުރެއްވި އެވެ.
ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް ހިންގާ ގަތުލުއާންމުތަކުގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ޔަހޫދީ އާބާދީތައް ފުޅާކުރަމުންދާ ދިއުން ބައިނަލްއަގުވާމީ އެކި މައިދާންތަކުގައި ރާއްޖެއިން ދަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. އަދި އިޒްރޭލުން ކުރާ ކަންކަމަށް އެ ގައުމު ޒިންމާދާރުކުރުވައި، އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށްވެސް ރާއްޖެއިން ތަކުރާރުކޮށް ދަނީ ގޮވާލަމުންނެވެ.
"މަޖުނޫނު"ގެ އަސަރުގަދަ ޓްރެއިލާ ބަލައިފިންތަ؟
ސަންގެ މައްސަލަ އިސްތިއުނާފު ނުކުރީ ކުށް ސާބިތުނުވާނެތީ: ޕީޖީ
ގެއްލުންހުރި ބާވަތްތައް އިސްތިހާރު ނުކުރަން ބޮލީވުޑަށް ގޮވާލައިފި