މަސްޖިދުލްހަރަމްގެ މަޝްހޫރު އިމާމު އަދި ހަތީބު ފަސީލަތުއްޝައިހު ޑރ. ޔާސިރު އައްދައުސަރީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.
މިކަން ހާމަކުރެއްވީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޝަހީމް ވިދާޅުވި ގޮތުގައި މިއީ ދިވެހިރާއްޖެއަށާއި، ގުރުއާން ކިޔަވާ ދަރިވަރުންނަށް އަދި ހާއްސަކޮށް ޒުވާން ހަތީބުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެކެވެ.
ޑރ. ޔާސިރް އައްދައުސަރީއަށް ރާއްޖެއަށް ވަޑައިގަތުމުގެ ދައުވަތު ދެއްވާފައިވަނީ ޒުވާން ހަތީބުންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށެވެ. ނަމަވެސް، އެ މަހާސިންތާ އޮންނަ ދުވަހު ވަޑައިނުގެންނެވުނު ކަމުގައި ވިޔަސް، އޯލެވެލް އިމްތިހާނު ނިމުމުން އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީހެއް ކަނޑައެޅިގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މިއީ 43 އަހަރުގެ ދިގު މުއްދަތަކަށްފަހު މަސްޖިދުލްހަރަމްގެ އިމާމަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ހަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގެންނެވީ މާލޭގެ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެ ފަހަރު ވަޑައިގެންނެވީ މަސްޖިދުލްހަރަމްގެ ކުރީގެ އިމާމު މުހައްމަދު އައްޒުބައިރެވެ.
ޑރ. ޔާސިރް އައްދައުސަރީއަކީ މަސްޖިދުލްހަރަމްގެ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންމެ ޒުވާން އަދި މުޅި އިސްލާމީ ދުނިޔޭގައިވެސް އެންމެ މަގުބޫލު އެއް ގާރީ އެވެ. އެ މަނިކުފާނުގެ ހިތްގައިމު އަޑުފުޅުން ކިޔަވާ ވިދާޅުވާ ގުރުއާނުގެ ތިލާވަތްތަކަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
ރިޔާދުގެ މަސްޖިދުއްދަހީލްގައި ގިނަ ދުވަސްތަކެއް ވަންދެން އިމާމުވެ ނަމާދު ކުރެއްވުމަށްފަހު، އެ މަނިކުފާނު މަސްޖިދުލްހަރަމްގެ ދާއިމީ އިމާމެއްގެ ގޮތުގައި ހަމަޖެއްސެވީ 2019 ވަނަ އަހަރުގަ އެވެ. މީގެ އިތުރުން، 2020 ވަނަ އަހަރުން ފެށިގެން އެ މަނިކުފާނަކީ ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ ޖެނެރަލް ޕްރެޒިޑެންސީ ފޯ ދަ ހަރަމައިންގެ މުޝީރެއްގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ކަނޑުއޮޅި ހުޅުވާލުމަށް އެމެރިކާއާއި އީރާނުން މަޝްވަރާކުރަނީ
ރަސްމާލެ އެއްބަސްވުމަކީ މުސްތަގުބަލުން ކުރާ ވައްކަމެއް: ޔާމީން