ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް އަނބުރާ ދައްކަންޖެހިފައި އޮތް 253،030 ޑޮލަރު (3.9 މިލިއަން ރުފިޔާ) އެ އިދާރާއިން މައާފުކޮށްދީ، ރާއްޖެއާ ދެކޮޅަށް އަޅާފައިވާ މާލީ ސަސްޕެންޝަން އުވާލައިފި އެވެ.
މި ފައިސާއަކީ 2023 ވަނަ އަހަރު ދިވެހި ފުޓްބޯޅައިގެ ތަރައްގީއަށް އޭއެފްސީން ދިން އެހީއެކެވެ. ނަމަވެސް، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލާގައި، ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން އެންގި އެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން 2024 އިން ފެށިގެން އެ ޖަމިއްޔާއިން ރާއްޖެއަށް ދެމުން އައި އެންމެހައި މާލީ އެހީތެރިކަން ވަނީ މެދުކަނޑާލައި ސަސްޕެންޝަނެއްގަ އެވެ.
އެފްއޭއެމުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ދަރަނި މައާފުކޮށް ސަސްޕެންޝަން އުވާލައިދިނީ އެ އިދާރާގެ ފަރާތުން އޭއެފްސީގައި ރަސްމީކޮށް އެދުމާ ގުޅިގެން ކަމަށެވެ. މި ނިންމުމާއެކު، އަންނަ އަހަރުން ފެށިގެން އޭއެފްސީގެ އެހީތެރިކަން ލިބޭ ޕްރޮގްރާމްތަކުގައި ރާއްޖެއަށް އަލުން ބައިވެރިވެވޭނެ މަގު ވަނީ ހުޅުވިފަ އެވެ.
އެފްއޭއެމްގެ ބަޔާނުގައި ބުނީ، މިއީ ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ޖަހައި، މާލީ ގޮތުން ހަމަމަގަށް އެޅުވުމަށާއި، ކުރިމަގުގައި އޭއެފްސީގެ އެހީއާއެކު ކުޅިވަރު ކުރިއެރުވުމަށް ލިބިގެންދިޔަ އަގުހުރި ފުރުސަތެއް ކަމަށެވެ.
ބައްސާމްގެ ރައީސް ކަމުގައި އޭއެފްސީގެ އިތުރުން ފީފާއިން ލިބުނު ފައިސާއަށް ވެސް އޭނާ ވަނީ ހިޔާނާތްތެރިވެފަ އެވެ. މި މައްސަލަތަކުގައި ފީފާއިން ވަނީ ބައްސާމް އުމުރަށް ސަސްޕެންޑްކޮށްފަ އެވެ. އަދި ޚހިޔާނާތުގެ ބައެއް ކުށްތައް ކޯޓުގައި ސާބިތުވެ އޭނާ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާއިރު، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ އިތުރު މައްސަލަތަކުގެ ޝަރީއަތްވެސް އަދިވެސް ދަނީ ކުރިއަށެވެ.
އުސް ފައިވާނުން ގެއްލުން ލިބޭކަމުގެ އިންޒާރު ދީފި!
ކެއުމަށްފަހު ވަގުތުން ނިދާނަމަ ހިތުގެ ބަލިތަކަށް މަގުފަހިވޭ؟
ލިޔެކިޔުންތަކެއް ގެއްލި، ފުލުހުން ހައުސިން މިނިސްޓްރީއަށް!