ދީނީ ހަރުކަށި ފިކުރުވަން ހުއްޓުވަން ނުކުންނައިރު މާތްވެގެންވާ އިސްލާމްދީނަށް ދީނަށް ހަޖޫ ޖަހާ ފުރައްސާރަކުރާ މީހުންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވިދާޅުވެއްޖެ އެވެ.
ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހައިތަމް ވިދާޅުވީ ވަޅި ޖެހުމާއި ތަންތަން ގޮއްވާލަން ގޮވުމާއި މީހުން މެރުމަކީ މިހާރު ކޮފީއެއް ބޯލުން ކަހަލަ އާދައިގެ ކަމަކަށް ބަޔަކު މީހުންނަށް ވެފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކަށް ފިޔަވަޅު ނޭޅިގެން އޫޅޭއިރު ދީނަށް ފުރައްސާރަކޮށް އުޅޭ މީހުންނަށް ވެސް ފިޔަވަޅު އެޅެމުންދާ ތަން ފެންނަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގައި ވަރަށް ބޮޑަށް އެބަ އޮވޭ ދެކޮޅު. މިސާލަކަށް ދީނާއި އިދިކޮޅަށް ވާހަކަ ދައްކާ މީހުން އެބަތިބި ބައިވަރު. ވަރަށް ބޮޑަށް ދީނާ ދެކޮޅަށް މިދައްކަނީ ކުޑަކުޑަ ވާހަކަ ދެއްކުމެއް ނޫން. ބޮޑެތި ސިންގާ ވާހަކަ. ކީރިތި ރަސޫލާއަށް ހަޖޫ ޖަހައިގެން ފާޑުކިޔާ އެތައް ބަޔަކު އެބަތިބި މި މީހުންގެ ތެރޭގައި. އެ މީހުންނަށް ފިޔަވަޅެއް ނޭޅި އެމީހުންގެ ވާހަކަ ނުދެއްކި ދެން ދީނީ ހަރުކަށި ފިކުރޭ ކިޔާ ބައެއްގެ ވާހަކަ ދެއްކުނީމަ ދެން ތަންކޮޅެއް އެބަ އުނދަގޫވޭ،" ހައިތަމް ވިދާޅުވި އެވެ.
ހައިތަމް ވިދާޅުވީ، ހަރުކަށި ފިކުރާ އެއްގޮތަށް ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހަރުކަށި ފިކުރަށް ވެސް އަދި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ވެސް އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
ހަރުކަށި ފިކުރާ ދީނައް ފުރައްސާރަ ފިކުރު ހުއްޓުވާ
އިސްލާމް ދީނަށް ހަޖޫ ޖަހާ ހަރުކަށި ފިކުރުގެ މީހުންނަށް ވެސް ފިޔަވަޅު އަޅާ. އެމީހުންގެ ޢަމަލު ތަކުން މަޞްލަޙަތު ގެއްލޭ.