ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިން ކަމަށް ފުލުހުން ތުހުމަތުކުރާ އީޝާ އަޝްރަފުގެ މައްޗަށް ގަޒުފްގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން އީޝާގެ މައްޗަށް މި ދައުވާ ކޯޓަށް ހުށަހަޅާފައިވާކަން ޕީޖީ އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން އާންމުކުރި މި ޑޮކިއުމެންޓްރީގައި މައުލޫމާތު ދިން މީހާގެ ވަނީ ސިއްރުކޮށް އަޑުވެސް ބަދަލުކޮށްފަ އެވެ. ނަމަވެސް އެ ޑޮކިއުމެންޓްރީ އާންމުކުރިތާ މަހެއްހާ ދުވަސް ފަހުން ފުލުހުން ފެށި ތަހުގީގުގެ ތެރެއިން އީޝާ ފުލުހަށް ހާޒިރުކޮށް، އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ކުރިން ހުރި އީޝާ ފަހުން ވަނީ ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު އޭނާގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ދީފައިނުވާތީ އީޝާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް މިދިޔަ މޭ މަހު ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލާފަ އެވެ. އެ ދެ ބޭފުޅުންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވާއިރު، ނޫސްވެރިކަމުގެ މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން ތަހުގީގުގައި ދެ ބޭފުޅުން ވެސް އިހްތިޔާރުކުރެއްވީ ހަނުހުރުމުގެ ހައްގެވެ.

މީގެ އިތުރުން މި ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުން ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ވަނީ "ގެގް" އަމުރެއްވެސް ނެރެފަ އެވެ.