ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާތަކުން އެމީހުން ސަލާމަތް ކޮށްދެއްވުން އެދި ދުނިޔޭގެ އެންމެހާ މުސްލިމުން އެއްކޮށް އެއްވަގުތެއްގައި ދަމު ނަމާދުކުރަން ރާވައިފި އެވެ.

"ގްލޯބަލް ތަހައްޖުދު ފޯ ޕަލަސްޓައިން"ގެ ނަމުގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި 21 މެއި 2021 ވާ ހުކުރު ދުވަހު އިނގިރޭސިވިލާތުގެ ގަޑިން މެންދަމުން އަލިވެ ދޭއް ޖަހާއިރު ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި މުސްލިމް އުއްމަތުގެ ހުރިހާ މީހުން ވެސް ތަހައްޖުދު ނަމާދެއް ކުރުމަށް އެދިފައިވެ އެވެ.

ދަމުއަމާދުގެ ވަގުތަކީ ދުއާ އިޖާބަ ކުރައްވާ ވަގުތެއް ކަމަށާއި އެ ވަގުތު އުއްމަތުގެ ގިނަ މުސްލިމުންތަކެއް އެއްފަހަރާ އެއްކަމަކަށް އެދި ކުރާ ދުއާގެ ބާރުގަދަވާނެ ކަމަށް އެ ޕޯސްޓުގައިވެ އެވެ.

މި ނަމާދުގައި ބައިވެރިވުމަށް ފަލަސްތީނުގެ ސަލާމަތަށް އެދި މަދުވެގެން ދެ ރަކުއަތުގެ ނަމާދެއް ކުރުމަށްފަހު ދެއަތް އުފުލައި ފަލަސްތީނަށްޓަކައި ދުއާ ކުރެވިދާނެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓް

ދަމު ނަމާދުގެ ވަގުތަކީ އިޝާ ނަމާދަށްފަހު ފަތިސް ނަމާދު ވަގުތު ޖެހެންދެންނެވެ. މޮޅު އިތުރުވެގެން ވަނީ ނިދާލުމަށްފަހު ރޭގަނޑުގެ ތިންބައިކުޅަ ދެބައަށްވުރެ ފަސްވުމުން މި ނަމާދު ކުރުމެވެ.

އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 200 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު ގިނަ ބައެއްގެ ގެދޫރު ގެއްލި މަގުމަތިވެފައި ވެސްވެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހުންނަ ވަގުތުގެ ތަފާތުގެ ސަބަބުން ދަމު ނަމާދު މުޅި ދުނިޔޭގައި އެއްވަގުތެއްގައި ކުރުމަކީ ވާނެ ކަމެއް ނޫނެވެ. ނަމަވެސް ޖިއޮގްރަފީ ގޮތުން އެއް ސަރަހައްދެއްގައި ދިރިއުޅޭ ހުރިހާ މުސްލިމުން އެއްވަގުތެއްގައި ނަމާދު ކުރުމުން ދުއާ އިޖާބަ ކުރެއްވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

އެހެންކަމުން އަހަރުމެން ދިވެހިން ވެސް މި ހަރަކާތުގައި ބައިވެރިވަމާތޯ އެވެ. ހުރިހާ ދިވެހިން ވެސް އެއް އުއްމަތެއްގެ ގޮތުގައި ރާއްޖެ ގަޑިން ހުކުރު ވިލޭރޭގެ މެންދަމުން އަލިވެ ދޭއް ޖަހާއިރު ނިދިން ހޭލައި ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށްޓަކައި ﷲގެ ހަޝްރަތުގައި ދުއާ ދަންނަވަމާތޯ އެވެ.