ނިމިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ތެރެއިން 160 ފްލެޓް ހިފަހައްޓައި ސަރުކާރުން ބޭނުންވާ ބަޔަކަށް ބަހަމުންދާކަން ފަޅާއަރައިފި އެވެ.
މިކަން ފަޅާއަރުވާލީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އަމާން އުދަރެސް ފްލެޓެއްގެ އެޕާޓްމަންޓަކަށް ޒިޔާރަތްކުރެއްވުމަށްފަހު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސޯލިހު ވިދާޅުވީ އެމަނިކުފާނު ދަންނަ މީހެއްގެ އާއިލާއަށް ހައްގު ނޫންގޮތުގައި މި ސަރުކާރުން ފްލެޓް ދީފައިވާ ކަމަށެވެ.
ސޯލިހު ވިދާޅުވީ ކަށަވަރުކަމާއެކު އެކަން ހިނގިގޮތް ކިޔައިދިނީ އެ އާއިލާގެ މީހެއް ކަމަށެވެ.
"އެބައުޅޭ 160 ފްލެޓް މިތާ ހިފަހައްޓައިގެން. މަޑުމަޑުން އެބޭފުޅުން ބޭނުންވާ ބަޔަކަށް ދެމުން އެބަގެންދޭ. އަޅުގަނޑު ކައިރީ އިހަށްދުވަހު މީހަކު ބުނީ ތިމަންނައަށް ފްލެޓް ލިބިއްޖެއޭ. ތިމަންނަ މިއުޅެނީ ސަރުކާރުގައޭ. ތިމަންނަގެ ބޭބެއަށް ތިމަންނަ ހޯދައިދީފީމޭ ފްލެޓް. އެއީ ބާކީ ބަހައްޓާފައި ހުރި ފްލެޓްގެ ތެރެއިން. އަޅުގަނޑު ކައިރީ ބުނީ ނަން ނުބުނައްޗޭ. އޭރަށް ތިމަންނައަތުން ފްލެޓް އަތުލާނެއޭ،" ސޯލިހު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ނެރުނު ފްލެޓް ލިސްޓް ރިވިއުކުރުމަށްފަހު، ރިވިއުކުރި ފްލެޓް ލިސްޓް މި ސަރުކާރުން ނެރެފައެއްނުވެ އެވެ.
މި ސަރުކާރުން ބަދަލުގެނައި ލިސްޓް ހާމަނުކުރަނީ ބޭނުން ބަޔަކަށް ފްލެޓް ދޭންވެގެން ކަމަށް އޭރުވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
މީގެއިތުރުން ސަރުކާރުގެ ބައެއް އިސްވެރިން މީހުންގެ އަތުން ފައިސާ ނަގައިގެން ބައެއް މީހުންނަށް ފްލެޓް ދީފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން އޭރު ބުނަމުންދިޔައެވެ.
ފްލެޓް ލިސްޓް ސިއްރުކޮށްފައި ބޭއްވުމަކީ މި ތުހުމަތުތަކަށް ބާރު ލިބޭ ކަމެކެވެ.
އެމާއާއި ކޮޑީގެ ކައިވެނީގެ އެންމެ ފުރަތަމަ ފޮޓޯތައް އާއްމުކޮށްފި
