މެލޭޝިއާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި، ދިވެހި އަންހެން ދަރިވަރަކު މަރުވިއިރު އެ ކާރު ދުއްވަން އިން ޑްރައިވަރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިންއަށް ޕޮޒިޓިވްވެފައިވާކަން ހާމަވެއްޖެ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ ސ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމެވެ. އޭނާ މަރުވީ މޯލްއަކަށް ދިއުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގަ އެވެ.

ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނަރު ވަން އަޒްލާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 8:48 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓު ހިނގީ ނިއު ބަންޑީ އެކްސްޕްރެސްވޭގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށެވެ.

މައްސަލަ ތަހުގީގުކުރާ ފުލުހުން ހާމަކުރި ގޮތުގައި އެކްސިޑެންޓް ހިނގީ މީހަކު ދުއްވި ޕްރޮޓޯން އެސްސީވަން މަރުކާގެ ކާރު އާރުއެފްއައިޑީ ލޭނާ ދިމާއަށް ދަތުރުކުރަމުން ދަނިކޮށް، މީހެއްގެ ޓެކްސީ ކޮންޓްރޯލުން ނެއްޓިގެން ގޮސް ޕްރޮޓޯން ކާރުގެ ފަހަތު ކަނާތްފަރާތުގައި ބާރަށް ޖެހުމުންނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރު ތަހުގީގުތައް ހިންގަމުންނެވެ.