ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފްއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާއަށްފަހު، އޭނާގެ ޓީމުން ފުރަތަމަ ފަހަރަށް ރަސްމީ ބަޔާނެއް ނެރެފި އެވެ.
މި ބަޔާނުގައި، މީޑިއާގައި ފެތުރެމުންދާ ދޮގު މައުލޫމާތުތަކާއި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އުފައްދާފައިވާ ވީޑިއޯތަކާ ދެކޮޅަށް ހަރުކަށި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދީފައިވެ އެވެ.
އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ ހަވީރު މުމްބާއީގެ ފުޓުބޯޅަ ކްލަބަކުން ނުކުތް ވަގުތު، ތިން މީހަކު ވެގެން ޓައިގާގެ ކާރަށް ވަނީ ބަޑިން ހަމަލާ ދީފަ އެވެ.
މި ހާދިސާގައި ޓައިގާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވިނަމަވެސް، އޭނާގެ ޑްރައިވަރަށާއި އެ ސަރަހައްދުގައި ހުރި މީހަކަށް ވަނީ އަނިޔާވެފަ އެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ހިޔާލު ފާޅުކޮށް، ދޮގު ވާހަކަތަކާއި އޭއައި ވީޑިއޯތައް ފަތުރަމުން ދާތީ، ޓައިގަރގެ ޓީމުން ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ.
އެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން ޓައިގާ އެއްވެސް ބަޔާނެއް ދީފައި ނުވާނެ ކަމަށާއި އެއްވެސް ވީޑިއޯއެއް ނުވަތަ މެސެޖެއް ވެސް އާއްމު ކޮށްފައި ނުވާނެ ކަމަށެވެ. އެއާއެކު އޭނާގެ ނަމުގައި ދައުރުވަމުންދަނީ މުޅިންވެސް ހަގީގަތާ ހިލާފު، ހަދައިގެން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބަޔާން ކޮށްފައިވެ އެވެ.
ވިއުސް އަދި ފައިސާ ހޯދުމުގެ ބޭނުމުގައި މިފަދަ ދޮގު މައުލޫމާތާއި އޭއައި ވީޑިއޯތައް އުފައްދައި ފަތުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިންޒާރު ދީފައިވެއެވެ.
އެ ޓީމުން ވަނީ މީޑިއާތަކާއި އާންމުންވެސް، އެއްވެސް ކަމެއް ޔަގީން ނުކޮށް މިފަދަ ވާހަކަތައް ނުފެތުރުމަށާއި، ރަސްމީ ފަރާތްތަކުން ހާމަކުރާ މައުލޫމާތުތަކަށް އެކަނި ބަރޯސާވުމަށް އިލްތިމާސް ކޮށްފަ އެވެ.
މި ހަމަލާއާ ގުޅިގެން މުމްބާއީ ފުލުހުން ވަނީ، ގުޖުރާތާއި ރަޖަސްތާން ފަދަ ސްޓޭޓްތަކުގެ އެހީތެރިކަމާއެކު މިކަމުގައި ޝާމިލުވާ މީހުން ހޯދައި ހައްޔަރު ކޮށްފަ އެވެ.
ކެންސަރު ފަރުވާގެ ނަތީޖާ އިންސާނާގެ މޫނުން ދެނެގަނެވިދާނެ؟
އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާންގެ ބަންދަށް 15 ދުވަސް
"ކޭ3ޖީ" ބައްލަވަން ޕްރިންސް ވިލިއަމްގެ ވައުދު ފުޅެއް!