ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސްގައި ހުންނަ ސައުދީ އަރާމްކޯގެ ޝައިބާ ތެޔޮ ވަޅަށް އަމާޒުކޮށް ބުދަ ދުވަހު ދޭން އުޅުނު ޑްރޯން ހަމަލާއެއް އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމުން ހުއްޓުވައިފި ކަމަށާއި، މި ހާދިސާގައި ބޭރު ގައުމުތަކަށް ނިސްބަތްވާ ދެ މީހަކު މަރުވެ އިތުރު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ސައުދީގެ އެނާޖީ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކޮށްފި އެވެ.

އެ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޑްރޯން ހަމަލާ ހުއްޓުވާފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ ތެޔޮ ވަޅުގެ ޕްރޮސެސިން ފެސިލިޓީއަކަށް އަމާޒުކޮށް ހަމަލާދޭން މަސައްކަތް ކުރަނިކޮށެވެ.

މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި މަސައްކަތްކުރާ ކޮންޓްރެކްޓަރެއްގެ އުޅަނދެއްގައި އަލިފާން ރޯވި ނަމަވެސް، ތެޔޮ އުފެއްދުމުގެ މަސައްކަތަށް އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. މި ހާދިސާގައި މަރުވެފައިވަނީ ފިލިޕީންސް އަދި ނޭޕާލްގެ ރައްޔިތެކެވެ. އަދި އަނިޔާވެފައިވަނީ ޕާކިސްތާނާއި އިންޑިއާގެ ރައްޔިތަކަށެވެ.

ކަމާބެހޭ އިދާރާތަކުން މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިފައިވެ އެވެ. ނަމަވެސް، މި ހަމަލާ ދިނީ ކޮން ބައެއް ކަމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

މި ހަމަލާ ދީފައިވަނީ ސަރަހައްދީ ނުތަނަވަސްކަން އިތުރުވެ، ސައުދީ އަރަބިއްޔާގެ އާންމު އުމްރާނީ ވަސީލަތްތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގަ އެވެ.

ފާއިތުވި ހަފުތާތަކުގައި ޔަމަނުގެ އީރާނަށް ތާއީދުކުރާ ހޫތީ ހަނގުރާމަވެރިން ސައުދީއަށް ތަކުރާރުކޮށް ހަމަލާތައް ދެމުންދާތީ، ސައުދީ އިސްވެ އޮންނަ ކޯލިޝަން ފައުޖުތަކުން ދަނީ ޔަމަނުގައި ހުރި ހޫޘީންގެ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަރުގަދަކުރަމުންނެވެ.

ސައުދީ އަރާމްކޯއިން ހިންގާ ޝައިބާ ތެޔޮ ވަޅަކީ އެ ގައުމުގައި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް މަރުކަޒެވެ. މި ތަނަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ބޯޑަރު ކައިރީގައި އޮންނަ 'އެމްޕްޓީ ކުއާޓާ' (އައްރުބުލް ހާލީ) ސަރަހައްދުގައި ހުންނަ ތަނެކެވެ.