ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީވީ ޝޯ ކަމަށްވާ "ކިޔުކީ ސާސް ބީ ކަބީ بہޫ ތީ"ގެ ދެވަނަ ސީޒަން 450 އެޕިސޯޑަށްފަހު ރަސްމީކޮށް ނިންމާލައިފި އެވެ.
މި ޝޯ ނިމުމާ ގުޅިގެން ޝޯގެ އުފެއްދުންތެރިޔާ އެކްތާ ކަޕޫރާއި ލީޑް ތަރި ސިމްރިތީ އިރާނީ ވަނީ ސޯޝަލް މީޑިއާގައި އަސަރުގަދަ މެސެޖުތަކެއް ހިއްސާކޮށް، މި ދަތުރަށް އަލްވަދާއު ކިޔާފަ އެވެ.
އެންމެ ފުރަތަމަ 2000 ވަނަ އަހަރު ގެނެސްދިން މި އައިކޮނިކް ޝޯ، ބެލުންތެރިންގެ ބޮޑު ތަރުހީބަކާއެކު އަލުން ގެނެސްދޭން ފެށީ މިދިޔަ އަހަރު އެވެ. 450 އެޕިސޯޑު ފުރިހަމަ ކުރުމަށްފަހު މި ޝޯގެ އެންމެ ފަހު އެޕިސޯޑު ދައްކާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
އިންސްޓަގްރާމްގައި ޝޯގެ ފުރަތަމަ އަދި ދެވަނަ ސީޒަންގެ ހަނދާންތައް އެކުލެވޭ ވީޑިއޯއަކާއެކު އެކްތާ ލިޔުނު މެސެޖުގައި ބުނެފައިވަނީ، މިއަދަކީ ކިޔުކީގެ އެންމެ ފަހު އެޕިސޯޑު ކަމަށާއި ބައެއް އަލްވަދާއުތަކަކީ ވަރަށް އުނދަގޫ އަލްވަދާއު ތަކެއް ކަމަށެވެ.
ނަމަވެސް އޭނާގެ ހިތުގައި އެ ޝޯއަށް އަބަދުވެސް ލޯބި އޮންނާނެ ކަމަށާއި އެއީ އޭނާ މިއަދު ހުރި ހިސާބަށް ގެނެސްދިން ޝޯ ކަމަށް ވެސް އެކްތާ ބުނެފައިވެ އެވެ.
އަސްލު 167 އެޕިސޯޑަށް ހަދަން ނިންމި ނަމަވެސް، ސަޕޯޓަރުންގެ ލޯތްބާއެކު 450 އެޕިސޯޑާ ހަމައަށް ޝޯ ގެންދެވުނުކަން އޭނާ ފާހަގަކުރި އެވެ.
ޝޯގައި "ތުލްސީ ވިރާނީ"ގެ ރޯލުން ފެނިގެންދިޔަ ސްމްރިތީ އިރާނީ ވެސް ވަނީ ޝޯ ނިމުމާ ގުޅިގެން ވަރަށް އަސަރުގަދަ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. އޭނާ ސިފަކުރި ގޮތުގައި މިއީ ޖަޒުބާތުތަކުން ފުރިގެންވި 26 އަހަރުގެ ދިގު ދަތުރެކެވެ.
އިތުރަށް ވާހަކަ ދައްކަމުން ސްމްރިތީ ބުނީ، މި ޝޯއާއެކު ހޭދަކުރި ދުވަސްތަކަކީ "އިޙުސާސްތަކުގެ ބޮޑު ރޯލާ ކޯސްޓަރެއް" ކަމަށާއި، ތަފާތު ހަނދާންތަކާއި ވާހަކަތަކެއް އާކުރެވި، އާ ފެށުންތަކަކާއެކު ކުދިކުދި ތާރީހީ ކަންތައްތަކެއް ބިނާ ކުރެވުނު ކަމަށެވެ. ޝޯގެ ފަރުދާ ތިރި ކުރެވުނު ނަމަވެސް މި ހަނދާންތައް އަބަދުވެސް ދަމަހައްޓާނެ ކަމަށް އޭނާ ބުންޏެވެ.
ހުޅުދޫ ކައުންސިލްގެ ރައީސަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
ހަނީމޫނަށް މަންޒިލެއް ހިޔާރު ކުރުމުގައި ބަލަންވީ ކޮން ކަމަކަށް؟
އިމާރާތްތަކުގައި ހުޅުޖަހަން ގޮވައިލުމުން ހައްޔަރުކޮށްފި