މިދިޔަ 24 ގަޑިއިރު ތެރޭ މާލެއާއި ހުޅުލެއަށް 90 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހާމަކޮށްފި އެވެ.

މި ވިއްސާރައިގައި އިއްޔެ އިރުއޮއްސުނު ފަހުން މާލެ ސަރަހައްދަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، މަގުތަކުގައި ވަނީ އާދަޔާ ޚިލާފަށް ފެންބޮޑުވެފައެވެ. މީގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްތަކަށް ވެސް ބޯކޮށް ވާރޭވެހި، އެކި ވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ ރެކޯޑުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގއ. ގެމަނަފުއްޓަށެވެ. އެ ރަށަށް 101.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުލެއަށް 90.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ މާލެއަށެވެ. މާލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ހުޅުމާލެއަށް ވެހިފައިވަނީ 60 މިލިމީޓަރުގެ ވާރޭ އެވެ.

ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެތީ ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެންމެހައި އާންމުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.