ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރުގެ އުމުރުން 52 އަހަރު ވެފައިވީ ނަމަވެސް ފެންނަނީ ނުހަނު ޒުވާން އަދި ރީތިކޮށެވެ.

އޭނާގެ މި ޒުވާންކަމާއި ރީތިކަމުގެ ސިއްރާ ގުޅޭގޮތުން މަޝްހޫރު ސެލެބްރިޓީ ޑައިޓީޝަން ރުޖުތާ ދިވޭކަރް ވަނީ ހާއްސަ ވާހަކަތަކެއް ހިއްސާކޮށްފައެވެ.

ޑައިޓީޝަނެއްގެ ހައިސިއްޔަތުން ރުޖުތާ ބުނަނީ މިއީ ކަރިސްމާގެ އުމުރުން 30 ގެ އަހަރުތަކުން ފެށިގެން ސިއްހަތަށް ފަރުވާތެރި ވުމުގައި ގެންގުޅުނު ކެތްތެރިކަމާއި ރޭވުންތެރިކަމުގެ ނަތީޖާ ކަމަށެވެ.

އަންހެނުންގެ އުމުރުން 30ގެ އަހަރުތަކަށް އެޅުމުން ހަށިގަނޑަށް އަންނަ ބަދަލުތަކަށް އަލި އަޅުވާލަމުން ރުޖުތާ ބުނީ 20ގެ އަހަރުތަކުގައި ހަށިގަނޑު ފިޓްކޮށް ބެހެއްޓުން ފަސޭހަ ނަމަވެސް، 30 އިން މައްޗަށް ދާއިރު ހޯމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަށިގަނޑަށް އެކި ބަދަލުތައް އަންނަ ކަމަށެވެ.

ހާއްސަކޮށް އުމުރުން 36 އާއި 38 އަހަރާ ދެމެދު ހަށިގަނޑުގެ މަސް އުފެދުމަށާއި ހޯމޯންތަކަށް ބަދަލުތަކެއް އައިސް، ހަށިގަނޑުގެ ބައްޓަމަށް އަސަރު ކުރަން ފަށަ އެވެ.

މިކަމުން ސަލާމަތްވެ، އުމުރުން ދުވަސްވާއިރު ވެސް ޒުވާންކަން ދެމެހެއްޓުމަށް ރުޖުތާ ދެ ކަމަކަށް އިރުޝާދު ދީފައިވެ އެވެ.

  • ކަސްރަތު ކުރުން: ހަފްތާއަކު މަދުވެގެން ތިން ގަޑިއިރު ކަސްރަތު ކުރުމަށް އާދަ ކުރުމަކީ ހަށިގަނޑުގެ ކަށިތައް ވަރުގަދަ ކޮށްދީ ޒުވާންކަން ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.
  • ހަރުކަށި ޑައިޓްތަކާ ދުރުވުން: ބަތާއި، ކާބޯހައިޑްރޭޓް، ނުވަތަ ހަކުރު މުޅިން ހުއްޓާލުން ފަދަ ހަރުކަށި ކަންކަން ނުކޮށް ހުރިހާ ބާވަތެއްގެ ކާނާއެއް ވެސް މެދުމިނެއްގައި ކެއުން.

ކާބޯތަކެތިން ލިބޭ އުފާވެރިކަން ގެއްލިއްޖެނަމަ ހަށިގަނޑަށް ބޭނުންވާ މައިކްރޯ ނިއުޓްރީންޓްތައް މަދުވެ، ސިއްހީ ގޮތުން އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

ކަރިޝްމާ ކަޕޫރު ފަދައިން އުމުރުން ދުވަސްވީ ނަމަވެސް ޒުވާންކަމާއި ރީތިކަން މަތީ ހުރުމަށްޓަކައި ޒުވާން އުމުރުން ފެށިގެން ސިއްހީ ރަނގަޅު އާދަތަކެއް ގެންގުޅުން މުހިންމެވެ.