ރޭ މާލޭގައި ފެންބޮޑުވީ މަގު ހެދުމުގެ މަސައްކަތަށް ކަމަށް ބުނެ، އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ސަރުކާރުން ފެން ހިންދާ ޕަމްޕްތައް ނެގުމުން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ފާއިތުވި 2 އަހަރު ކުރެވުނު ބުރަ މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެދެވޭ ހައްލެއް ހޯދިފައި ވަނިކޮށް، އަނެއްކާވެސް ރައްޔިތުން މިފަދަ ހާލެއްގައި ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ޕަމްޕްތައް ކުއްލިއަކަށް ނެގުމަކީ މައްސަލަ ބޮޑުވި މައިގަނޑު ސަބަބެވެ.

މާލޭގައި ފެންބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް އާޒިމްގެ މޭޔަރުކަމުގައި މާލޭ ސިޓީ ކައުންސިލުން ބޮޑެތި ޕަމްޕުތަކެއް ގެނަ އެވެ. އެ ޕަމްޕްތައް ބޭނުންކުރަން ފެށުމުން ފެން ބޮޑުވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް އޮތީ ލިބިފަ އެވެ.

މާލޭގެ ފެން ހިންދާ ނިޒާމު ބެލެހެއްޓުން އެކި މުއައްސަސާތަކުގެ މެދުގައި ބެހިފައި އޮތުމަކީ ނިޒާމު އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއް ކަމަށް އާޒިމް ފާހަގަކުރެއްވި އެވެ. މިކަމުގެ ސަބަބުން މުއައްސަސާތަކުގެ މެދުގައި ކޯޑިނޭޝަން ދަށްވެ، ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށް ހުރަސްތަކެއް ކުރިމަތިވެ އެވެ.

އާޒިމް ވަނީ ސަރުކާރުން ނަގާފައިވާ ފެން ޕަމްޕުތައް އަވަހަށް އަލުން ބަހައްޓައި ފެން ހިންދުމުގެ ނިޒާމު ހަރުދަނާކުރުމަށް ގޮވާލައްވާފަ އެވެ. އަދި ފެން ހިންދާ ނިޒާމު އެއް ފުރާޅެއްގެ ދަށުން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސައި، ރައްޔިތުންނަށް ދާއިމީ އަދި އަވަސް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.