ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ސޯޝަލް ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން، އެ ތަންތަނާ ގުޅޭގޮތުން 6،000 އަށް ވުރެ ގިނަ ޝަކުވާ އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށް މިއަދު ހާމަކޮށްފި އެވެ.
އެ ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި، އެ ޓަވަރުތަކުގައި އާންމުން ދިރިއުޅެން ފެށީއްސުރެ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޕަރޭޝަންގެ ޕޯޓަލް، އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށް ޖުމްލަ 6،917 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އޭގެ ތެރެއިން 6،128 މައްސަލައެއް މިހާތަނަށް އެއްކޮށް ހައްލުކޮށްދެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.
ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- އެންމެ ގިނައިން ފާހަގަކޮށްފައިވާ ފެން ލީކުވުމާއި އިމާރާތުގެ މެއިންޓެނަންސްގެ މައްސަލަތައް
- އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މައުލޫމާތު އަޕްޑޭޓް ކުރުމުގައި ދިމާވާ ދަތިތައް
- އެޕާޓްމަންޓްތަކުގެ އެތެރެއަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަން
- އަޑުގަދަވުމުގެ ސަބަބުން ލިބޭ އުނދަގޫތަކާއި، ލިފްޓުތަކުގެ މެއިންޓެނަންސްއާ ގުޅޭ ޝަކުވާތައް
އެފްޑީސީން ބުނީ އަދިވެސް ހައްލުނުކުރެވި ބާކީ ހުރި 789 މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ފަންނީ ޓީމުތަކުން މެދުކެނޑުމެއްނެތި މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
ފްލެޓްތަކުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި މަހުގެ 14 ވަނަ ދުވަހު އެ ކުންފުނިން ވަނީ ގަވާއިދުން ކުލި ނުދައްކާ ދެ ފްލެޓެއްގެ އެއްބަސްވުން ބާތިލުކޮށް، އެ ތަންތަން ހުސްކުރުމަށް އަންގާފަ އެވެ. ނަމަވެސް، އެ އެންގުމާ ގުޅިގެން ފަހުން އެ ދެ އެޕާޓްމަންޓުން ވެސް ފައިސާ ދައްކަން ފަށާފައިވާ ކަމަށް އެފްޑީސީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ފެންބޮޑުވީ ބެކްއަޕް ޕްލޭނެއް ނެތި ސަރުކާރުން ޕަމްޕްތައް ނެގުމުން
ޔުކްރޭނާއެކު މަޝްވަރާ ފެށުމަށް ޕުޓިން އެއްބަސްވެވަޑައިގެންފި
އެންމެ 20 މިނެޓު ހިނގާލުމުން ވެސް ސިއްހަތަށް ބޮޑު ތަފާތެއް!