ރޭ މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، 80 އަށް ވުރެ ގިނަ ތަނަކަށް ފެން ވަދެގެން އެހީތެރިކަމަށް އެދިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެވެ.
އެންޑީއެމްއޭ އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރޭ ވެހުނު ވާރޭގައި މާލޭގެ އާންމު ގެދޮރާއި، ސަރުކާރުގެ އޮފީސްތަކާއި، ސްކޫލުތައް އަދި ވިޔަފާރިކުރާ ތަންތަން ހިމެނޭހެން ޖުމްލަ 89 ތަނަކަށް ފެން ވަދެގެން ވަނީ ރިޕޯޓުކޮށްފަ އެވެ. މީގެ ތެރޭގައި އާންމުން ދިރިއުޅޭ 33 ގެއެއް ހިމެނެ އެވެ.
މީގެ އިތުރުން ފެން ވަދެގެން އެހީއަށް އެދި ރިޕޯޓުކޮށްފައިވާ ތަންތަނުގެ ތަފްސީލަށް ބަލާއިރު:
- 35 ފިހާރަ
- 6 ކެފޭ އަދި ރެސްޓޯރަންޓް
- ސަރުކާރާއި އަމިއްލަ އެކި އިމާރާތްތަކުގެ ތެރެއިން 5 ތަނެއް
- 4 ސްކޫލް
- 2 ކްލިނިކް
- 2 ގުދަން
- 1 އޮފީސް އިމާރާތް
- 1 ކޮންސްޓްރަކްޝަން ސައިޓް
ފެންބޮޑުވި ސަރަހައްދުތަކުގައި ފެން ހިއްކުމަށާއި، ގޭގެއަށް ފެން ވަނުން ހުއްޓުވުމަށްޓަކައި މާލެ ސިޓީ ކައުންސިލާ ގުޅިގެން ކުއްލި މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން ސިޓީ ކައުންސިލަށް 10،000 ވެލި ބަސްތާ ފޯރުކޮށްދީފައިވާ ކަމަށާއި، ރޭގެ ވަގުތެއްގައި އެކަނިވެސް 31 ތަނަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މާލެއަށް ވަނީ 90 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ އާންމު ރައްޔިތުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޔުކްރޭނާއެކު މަޝްވަރާ ފެށުމަށް ޕުޓިން އެއްބަސްވެވަޑައިގެންފި
އެންމެ 20 މިނެޓު ހިނގާލުމުން ވެސް ސިއްހަތަށް ބޮޑު ތަފާތެއް!