އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ލެބްޓްރީ މެޝިންތަކަކަށް ބޭނުންވާ ރީއެޖެންޓްސްތަކެއް އެއްބަސްވުމާ ހިލާފަށް އެހެން ބައެއް އަތުން ގަނެފައިވާ މައްސަލާގައި ބަދަލު ހޯދުމުގެ ހައްގު މެޑިކުއިޕް ކުންފުންޏަށް އޮންނާނެ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

އައިޖީއެމްއެޗް އާއި މެޑިކުއިޕް ކުންފުންޏާ ދެމެދު 2014 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން ލެބޯޓްރީ މެޝިންތަކެއް މެޑިކުއިޕް ކުންފުނިން ގެނެސް ބެހެއްޓި އެވެ. އަދި އެތަކެތި ބެހެއްޓީ ހިލޭ ކަމަށްވީ ނަމަވެސް ފަސް އަހަރުގެ މުއްދަތަށް އެ މެޝިންތަކަށް ބޭނުންވާ ރީއެޖެންޓްސް މެޑިކުއިޕް މެދުވެރިކޮށް ގަތުމަށް އެއްބަސްވުމުގައި އޭރު ހިމަނާފައިވެ އެވެ. ނަމަވެސް 2017 ވަނަ އަހަރު އައިޖީއެމްއެޗްއިން އެ އެއްބަސްވުން ބާތިލްކޮށް, އެ މެޝިންތައް އަނބުރާ ގެންދަން އެދުނެވެ.

އެ މައްސަލާގައި މެޑިކުއިޕް ކުންފުނިން ދައުވާ ކުރުމުން, އެ އެއްބަސްވުމާ ހިލާފަށް އެހެން ބައެއްގެ އަތުން ރީއެޖެންޓްސް ގަނެފައިވާތީ ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުސަތު މެޑިކުއިޕަށް އޮންނާނެ ކަމަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ.

އެ މައްސަލަ އައިޖީއެމްއެޗްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މެޑިކުއިޕް ކުންފުނި މެދުވެރިކޮށް ރީޖެއެޖެންޓް ގަންނަންޖެހޭ ކަމަށް އެއްބަސްވުމުގައިވާއިރު, އެއާ ހިލާފަށް އައިޖީއެމްއެޗްއިން އެހެން ފަރާތްތަކުގެ އަތުން ރީއެޖެންޓް ގަނެފައިވާ ކަމަށެވެ.

އެކަމުގެ ބަދަލު ހޯދުމަށް އައިޖީއެމްއެޗްއާ ދެކޮޅަށް ދައުވާ ކުރުމުގެ ހައްގު މެޑިކުއިޕަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް އެ ހުކުމުގައިވެ އެވެ.