އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެ، އެއާޕޯޓަށް ލިބުނު ގެއްލުން ކުޑަކުރެވިފައިވާ ކަމަށް އޮޑިޓް އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓް ރިޕޯޓުގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އައްޑޫ އެއާޕޯޓަށް 68.7 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާންޖެހުނެވެ. ނަމަވެސް މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 10 މިލިއަން ރުފިޔާ ނުވަތަ 12.7 އިންސައްތައިގެ ދަށްވުމެކެވެ. މިއާއެކު ހިއްސާއަކަށް ޖެހުނު ގެއްލުންވެސް ވަނީ 98 ރުފިޔާއިން 86 ރުފިޔާއަށް ކުޑަވެފަ އެވެ.

އައްޑޫ އެއާޕޯޓުގެ ގެއްލުން ކުޑަކުރެވުނު މައިގަނޑު ސަބަބަކީ އެއާޕޯޓަށް ލިބުނު އާމްދަނީ ބޮޑުތަނުން މައްޗަށް ދިއުމެވެ. އެގޮތުން އެއާޕޯޓަށް ޖެއްސި ފްލައިޓްތަކާއި ޖެޓްތަކުގެ އަދަދު އިތުރުވުމާ ގުޅިގެން، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 94.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 185 އިންސައްތައިގެ އިތުރުވުމެކެވެ.

އާމްދަނީ އިތުރުވި ނަމަވެސް، އެއާޕޯޓް ހިންގުމުގެ ހަރަދުތައް ވެސް ވަނީ 54 އިންސައްތަ މައްޗަށް ގޮސްފަ އެވެ. އެގޮތުން 2024 ވަނަ އަހަރު ހިންގުމުގެ ހަރަދުގެ ގޮތުގައި 102.6 މިލިއަން ރުފިޔާ ހޭދަވި ނަމަވެސް، މިދިޔަ އަހަރު އެ އަދަދު ވަނީ 158.8 މިލިއަން ރުފިޔާއަށް އުފުލިފަ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި އައްޑޫ އެއާޕޯޓަށް ލިބުނު ސާފު ގެއްލުން ވަނީ 817.5 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި އެއާޕޯޓުގެ ހަރުމުދަލުގެ އަގަށްވުރެ ގެއްލުންވި މިންވަރު 450 މިލިއަން ރުފިޔާއަށް އިތުރުވެފައިވާތީ، ހަރުމުދާ އަލުން އަގުކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފަ އެވެ. މީގެއިތުރުން މިދިޔަ އަހަރު ނިމުނުއިރު އައްޑޫ އެއާޕޯޓުގެ ދަރަނި ހުރީ 152.9 މިލިއަން ރުފިޔާގަ އެވެ.