ފުލުހުން މި މަހުގެ 8 ވަނަ ދުވަހު ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފިލްމީ ތަރިންގެ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށްފަހު، އެ މީހުން ބަންދުން ދޫކޮށްލައިފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފިލްމީ ދާއިރާގެ މަޝްހޫރު ތަރި އަހުމަދު އަޒްމީލް (އަޒޭ) އާއި، އިސްމާއިލް ޖުމައިހާއި، މުހައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދު އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ތިން މީހަކު މިހާރު ބަންދުން ދޫކޮށްލާފައިވާ ކަމަށާއި، ހަތަރުވަނަ މީހާ ވެސް މިއަދުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކޯޓު މަރުހަލާގެ ތެރެއިން މައްސަލަ ކުރިއަށްދާއިރު އެ މީހުން އަލުން ބަންދުގައި ބަހައްޓަން ޖެހިއްޖެ ނަމަ، އެ އަމުރާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ފުލުހުން ފާހަގަކުރި އެވެ.

ކްރިމިނަލް ކޯޓުން އެ މީހުން ބަންދުކުރުމަށް ނެރުނު އަމުރުތަކުން އެނގޭ ގޮތުގައި، އެ މީހުން ތިބި ކޮޓަރީގައި މަސްތުވާތަކެތި ހާމައަށް ބަހައްޓާފައި ހުއްޓެވެ. އަދި އެ ތަކެތީގެ ބަރުދަން ޓްރެފިކިން މިންގަނޑަށް ފެތޭ ކަމަށާއި، ހައްޔަރުކުރި މީހުންގެ ތެރެއިން އަޒްމީލާއި ވިޝާލް އަދި ޝާހިލްގެ ކުށުގެ ރެކޯޑު އޮތް ކަމަށްވެސް ކޯޓު އަމުރުތަކުގައިވެ އެވެ.