ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގައި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށު ކުއްޅަވައްގޭ، އަލީ ޖުމާން ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.

ހައްޔަރުކުރި ޖުމާން މިދިޔަ ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރުން ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ކުރަންޖެހޭ ކަމަށެވެ. އަދި އެ ޕޯސްޓުގައި ރެޑްވޭވް ފިހާރަ ލޫޓުވާލަންވެސް ގޮވާލާފައިވެ އެވެ.

މި މީހާއަކީ މިދިޔަ އަހަރު އޮކްޓޯބަރު މަހު މާލޭގައި ބޭއްވި މުޒާހަރާއެއްގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައިވެސް ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ. ނަމަވެސް ފަހުން ޕީޖީން ވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފަ އެވެ.

މިފަދަ އަމަލުތަކާ ގުޅިގެން މީހުން ހައްޔަރުކުރަމުން ދާއިރު، ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލައެއްގައި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމަށްފަހު އެ ޕޯސްޓު ޑިލީޓްކޮށްފައިވާއިރު، އެ މައްސަލައިގައި އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.