ހުޅުމާލެ ހޮސްޕިޓަލްގައި ހިންގަމުންދާ ފާމަސީއެއް ހުސްކުރަން ސިވިލް ކޯޓުން އަމުރު ނުކުރި މައްސަލާގައި އާސަންދަ ކުންފުނިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ފާމަސީއެއް ހިންގާ ސަންޓްރިއާ ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް އާސަންދަ ކުންފުނިން 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރާ މައްސަލާގައި އާސަންދަ ކުންފުނިން ސިވިލް ކޯޓުގައި އެދުނީ އެ މައްސަލަ ނިމުމުގެ ކުރިން އެ ފާމަސީ ހުސްކުރަން ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ސިވިލް ކޯޓުން ކުރިން ނިންމީ މައްސަލަ ނިމުމުގެ ކުރިން އެތަން ހުސްކުރަން ވަގުތީ އަމުރެއް ނުނެރެވޭނެ ކަމަށެވެ. ނަމަވެސް އެތަން އެހެން ބަޔަކަށް ކުއްޔަށް ނުދޭން ސަންޓްރިއާގެ މައްޗަށް އަމުރެއްނެރުނެވެ.

އެ މައްސަލަ އާސަންދަ ކުންފުނީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެތަން ހުސްކުރަން އަމުރު ނެރެދިނުމަށް އެދި އެވެ. ނަމަވެސް ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނިންމީ ސިވިލް ކޯޓުގެ ނިންމުން ގޯސް ކަމަށް ބެލެވޭނެ ގާނޫނީ ސަބަބެއް ނެތުމުން އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.

އާސަންދަ ކުންފުނިން ދައުވާކުރަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފާމަސީ ހިންގުމާ ގުޅޭގޮތުން 2017 ވަނަ އަހަރު ސަންޓްރިއާއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެސް އެ ކުންފުނިން އެތަން ހުސްނުކޮށް ބޭނުންކުރާ ކަމަށް ބުނެ އެވެ.