އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި އައިޝަތު ޖެނިފާއަށް އަލުން އެ މަގާމު ދޭން އެންގި މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑިސެމްބަރު 2018 ގައި ޖެނިފާ އައްޔަން ކޮށްފައި ވަނިކޮށް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ އެ މަގާމުން ވަކިކުރީ އެ ކުންފުނީގެ ބޯޑުން ނިންމައިގެންނެވެ.

އެ މައްސަލަ ޖެނިފާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ ޓްރައިބިއުނަލުން ނިންމީ 2024 ވަނަ އަހަރު އެންގީ އޭނާ އަށް އަލުން ވަޒީފާ ދިނުމަށާއި އަދި މައްސަލަ ނިމުނު މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް ދިނުމަށެވެ.

މީގެ އިތުރުން ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއް މަހުގެ މުސާރަ އާއި އިނާޔަތްތަކަށް ވާ 56،000 އަށް ވުރެ ގިނަ ރުފިޔާ ވެސް ދޭން ޓްރައިބިއުނަލުން އެންގި އެވެ.

އެ މައްސަލަ އައިލެންޑް އޭވިއޭޝަނުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ވަނީ އަޑުއެހުންތައް އެއްކޮށް ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.

ޖެނިފާއަށް އަލުން މަގާމު ދޭން އެންގި ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި އޮތުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން މަޑުޖައްސާލަން ހައި ކޯޓުން އޮތީ ކުރިން އަމުރުކޮށްފަ އެވެ.