ޒުވާންކޮށް ހުރުމަށް ބޭނުންކުރާ ކޮލިޓީ "ސްކިން ކެއާ" އުފެއްދުންތައް ހޯދުމަށް އަތުން ބޮޑު ޚަރަދެއް ހިނގަ އެވެ. ހަމަ އެފަދައިން ތަފާތު "ކޮސްމެޓިކް" ސާޖަރީތަކަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް ޒުވާންކޮށް ހުރުމަށް އެންމެނަށް ވެސް ކުރެވޭނެ ކަމެއް އެބަ އޮތެވެ. އެއީ ގޭގައި ގަސް އިންދުމެވެ.
ގޭތެރޭގައި ގަސް އިންދުމަކީ ސްޓްރެސް ފިލުވާލާއި، ހިތްހަމަޖެހުން އިތުރު ކޮށްދޭ ކަމެކެވެ. މިކަމަށް ފަހުގެ ހޯދުންތަކުން ވެސް ބާރުދެ އެވެ. ގަހަކީ ގޭތެރެ ޒީނަތްތެރި ކޮށްދޭ އެއްޗެކެވެ. ގަސް ފެނުމުން ހިތްހަމަޖެހެ އެވެ. ހިތަށް ލުއިކަމެއް ގެނުވައިދެ އެވެ. ގަސް ފެންނަ ވަގުތު ފިކުރުތަކާ ދުރު ވެވި، ގަހުގެ ރީތިކަމާއި ފުރިހަމަކަމާ މެދު ވިސްނުމަށް ސިކުނޑި ހުސް ކޮށްލެވެ އެވެ.
ގަސް ފެނުމުން މޫޑު ރަނގަޅުވެ، ޑިޕްރެޝަންއާ ދުރުކޮށްދެ އެވެ. ދިރިއުޅުމުގެ މަގުސަދެއް ވާކަމުގެ އިހްސާސް ކޮށްދެ އެވެ. މިއީ އުމުރު މައްޗަށްދާ ވަރަކަށް ސިކުނޑިއަށް އަންނަން ޖެހޭ މުހިންމު ވިސްނުމެކެވެ. ހާއްސަކޮށް ގިނަ ވަގުތު ގޭތެރޭގައި ވަގުތު ހޭދަކުރާ މީހުންނާއި އެކަނި ދިރިއުޅެން ޖެހިފައިވާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް މި ވިސްނުން ވަރަށް މުހިންމެވެ.
ގަސް ހައްދާ މީހުން ބޭނުން ކޮށްގެން ކުރެވުނު ދިރާސާއަކުން އެނގުނު ގޮތުގައި ގަސް ހައްދާ މީހުންގެ ލޭގެ ޕްރެޝާ ގަސް ހައްދާ ނޫޅޭ މީހުންނަށް ވުރެ ދަށެވެ. އެފަދަ މީހުންގެ ކިބައިން ފާހަގަ ވާ ބައެއް ހާއްސަ ސިފަތަކެއް ވެސް ވެ އެވެ. އޭގޭ ތެރޭގައި ގަސް ހައްދައި ބަލަހައްޓާ މީހުން، ކަންކަމުގައި އަވަސް އަރުވާލުމުގެ ބަދަލުގައި މަޑުމައިތިރި އެވެ. ފިކުރު ކުރުން މަދެވެ.
އަބަދު ފިކުރު ބޮޑުވެފައި ހުރުމަކީ ނިންޖަށް އަސަރު ކުރުވާ ކަމެކެވެ. ހަމަ ނިދި ނުލިބޭ ނަމަ، ބޮލުގައި ރިއްސަ އެވެ. މޫޑަށް ބަދަލު އާދެ އެވެ. ރުޅި އައުމާއި ހިތް ނުތަނަވަސް ކުރުވުމަކީ ނިދި މަދުވުގެ ދެ އަލާމާތެވެ. އެއަށް ފަހު، ހަރަކާތްތެރިވުން މަދުވެ އެވެ. ކެއުމަށް ބަލައިގެން އުޅުމުގެ ބަދަލުގައި ފަސޭހައިން ބަނޑު ފުރާލެވޭ ކަނާއަކާ ދިމާލަށް ދެވެ އެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑުގެ ރީތިކަން ގެއްލި ދިއުމެވެ. މޫނުމަތީގެ ތާޒާކަން ފިލައިގެން ދިއުމެވެ. އުމުރަށް ވުރެ ދުވަސްވީ ކަމަށް ހަށިގަނޑުގެ ބޭރު ފުށުން ފެނުމެވެ. ގަސް ހެއްދުމުގައި ވަގުތު ހޭދަކުރާ ނަމަ އަރާމު ނިދި ލިބި ހަށިގަނޑަށް އާރޯކަން ލިބެ އެވެ. ހަށިގަނޑުގެ ބޭރުފުށަށް ބަދަލުތައް އަންނަނީ އެނގުމަކާ ވެސް ނުލަ އެވެ.
ގަސްހައްދާ މީހުންގެ ކިބައިން ހޯދުނު އިތުރު ކަމަކީ އެ މީހުންގެ ހަށިގަނޑުގައި ހޯމޯން "ކޯޓިސޯލް" އުފައްދާ މިންވަރު ދަށްވުމެވެ.
ކޯޓިސޯލްގެ މައިގަނޑު މަސައްކަތަކީ ހަށިގަނޑުގައި ހަކަތަ އަންދާ މިންވަރާއި ދިފާއީ ނިޒާމުގެ މަސައްކަތާއި އަދި ހާސްކަމާއި ހިތް ނުތަނަވަސްކަން ވަކި ކޮންޓްރޯލެއްގައި ބަހައްޓައި ދިނުމެވެ. ކޯޓިސޯލްގެ މިންވަރު މަތި ނަމަ، ހިތް ނުތަނަވަސްވުމާއި ލޭގެ ޕްރެޝާ މަތިވުމަށް މަގުފަހިވެ އެވެ.
ވީމާ ޒުވާކޮށް ހުރުމަށް ގަހެއް އިންދާލާށެވެ. ތިމާއަށާއި އެހެން މީހުންނަށް ވެސް އެކަމުން ފައިދާ ކުރާނެ އެވެ.