މިއަދުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

އެގޮތުން މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 15:00 އާ ހަމައަށް، ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ހުދު އެލާޓް ނެރެފަ އެވެ.

އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

މިއަދު ވައި ޖެހޭނެކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެ އެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދައިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރޭ ފަތިހު ހއ އަތޮޅުން ހދ އަތޮޅާ ހަމައަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ.